ރާއްޖެ އިން ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ލަންކާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަމާލް ރާޖަޕަކްސާ އާއި ބައްދަލު ކުރައްވަނީ | ނަމަލް ރާޖަޕަކްސާ
ރާއްޖެ އިން ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، ލަންކާގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަމާލް ރާޖަޕަކްސާ އާއި ބައްދަލު ކުރައްވަނީ | ނަމަލް ރާޖަޕަކްސާ
ސްރީލަންކާގެ އިމިގްރޭޝަނުން ދިވެހިންނާ މެދު އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރާއްޖޭގެ ވިސާ އުސޫލުތައް މުރާޖާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު އެ ގައުމުގެ އިދިކޮޅު ލީޑަރު ނަމާލް ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.

ލަންކާގެ މައި އިދިކޮޅު ޕާޓީ، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން ނަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ދޭދޭ ގުޅުމާއި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ ގެކަން ފާހަގަކުރައްވައި، ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުން ބާއްވާފައި މިވަނީ، ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ލަންކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ އިންޓަވިއުގައި މަސްއޫދު ވަނީ ލަންކާ އިމިގްރޭޝަނުން ދިވެހިންނާ މެދު "ދޮންމަންމަގެ ދަރިންނާ މެދު އަމަލުކުރާ ފަދަ" ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ހަމުގެ ކުލަ ދޮން މީހުންނަށް އިސްކަންދޭ ކަމަށާއި، ދިވެހިންނަށް ވިސާ ދިނުމުގައި ދަތިތައް ކުރިމަތިކުރުވާ ނަމަ، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ 30،000 އެއްހާ މުވައްޒަފުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލުތައް މުރާޖާކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.





މި ކަމާ ގުޅިގެން މީސްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަފީރަށާއި ސަރުކާރަށް އަމާޒުވެފަ އެވެ. އާންމުންނާއި ޑިޕްލޮމެޓިކް ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނަމުންދަނީ، ރަސްމީ ހައިސިއްޔަތުން ހުންނަވާ ސަފީރަކު މިފަދަ ހަރުކަށި ބަސްމަގުން ނޫސްތަކުގައި ވާހަކަދެއްކުމަކީ ޑިޕްލޮމަސީގެ އުސޫލުތަކާ ބީރައްޓެހި، ލަދުވެތި އަމަލެއް ކަމަށެވެ.

އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް ވަނީ، ތަޖުރިބާނެތް ބޭފުޅުން މިފަދަ މުހިންމު މަގާމުތަކަށް އައްޔަންކުރުމުގެ ނަތީޖާއަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އަގުވެއްޓުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއީ ރާއްޖޭގެ ފޮރިން ޕޮލިސީ ދޯދިޔާވެފައިވާ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.



ކިޔުންތެރިންގެ ހިޔާލު