ކ-ވ: ކުރީގެ މެމްބަރު މޮސްޓާ އަދި ރައީސް މުޢިއްޒު
ކ-ވ: ކުރީގެ މެމްބަރު މޮސްޓާ އަދި ރައީސް މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވާ ރިޔާސީ ބަޔާނަކުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެ ބަޔާނުން އުއްމީދެއް ލިބޭނީ ހަމައެކަނި ވިޝުއަލް އާޓްސް ބޭނުންކޮށްގެން ކުރެހުންތަކާއި މަންޒަރުތައް ދައްކައިގެން ކަމަށް ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވީ، ރިޔާސީ ބަޔާނަކުން ރައްޔިތުންނަށް ފައިދާއެއް ވާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ. ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށްވުމުން، މި ބަޔާނަކީ އަނެއްކާވެސް ވެވަޑައިގަންނަވާނެ ބައިވަރު އައު ވައުދުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މޮސްޓާ ވިދާޅުވި ގޮތުގައި، ރައީސް އިއްވާ މި ބަޔާނަކީ "ފަޅައިގެންދާ ހަވާއެއް" ފަދަ އެއްޗެއް ކަމަށެވެ.

"ރިޔާސީ ބަޔާނަކުން އުއްމީދެއް ލިބޭނެ ކަމަށް ރައްޔިތުން ހީކޮށްގެން ނުވާނެ. އެއީ އަނެއްކާވެސް އެހެން އަނެއް ވައުދުތަކެއް ވާނެ ކަމެއް. ވަރަށް ބައިވަރު ވައުދު ވާނެ،" މޮސްޓާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ "ހަފްތާ 14" ގެ މަޝްރޫޢުތަކުން ފެނުނު އުސޫލުން، މި ބަޔާނުގައިވެސް އިތުރު އައު ވައުދުތަކެއް ވެގެންދާނެ ކަމަށެވެ.

މޮސްޓާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ޚާއްޞަ ގޮވާލުމެއް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒު ދައްކަވާ ވާހަކަފުޅުތަކަކީ ރައްޔިތުންނަށް ފެންނަ ރީތި މަންޒަރުތަކެއްގެ ގޮތުގައި ސިފަކޮށްދިނުމަށް މަޖިލީހުގެ ރައީސްގެ ބާރު ބޭނުންކުރަންޖެހޭ ކަމަށެވެ.

"އަބްދުއްރަހީމްގެ ބާރު ބޭނުންކޮށްގެން މުޢިއްޒު އެ ދައްކާ ވާހަކަތައް ވިޝުއަލް އާޓްސް އިން ދެއްކޭނެ ގޮތެއް ހަދާދީފަ، ދިވެހި ރައްޔިތުންނަށް ފެންނާނެ ވަރަށް ރީތި މަންޒަރުތައް، ވަރަށް ރީތި އިމާރާތްތައް، ވަރަށް ރީތި އެއާޕޯޓްތަކާ ޓާމިނަލްތަކާ ހޮސްޕިޓަލްތަކާ ސްކޫލްތައް ފެންނާނެ،" މޮސްޓާ ވިދާޅުވިއެވެ.

މީގެ އިތުރުން، މޮސްޓާ ވަނީ ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ދާ ވަގުތު ގްރެފިކް އާޓްސް އާއި ވިޝުއަލް އާޓްސް ބޭނުންކޮށްގެން އެކަންކަން ރައްޔިތުންނަށް ސިފަކޮށްދިނުމަށް ގޮވާލައްވާފައެވެ.

މޮސްޓާ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ދައްކަވަނީ "ދޮގު ވާހަކަ" ތަކެއް ކަމަށާއި، އިސްލާމްދީނުގެ ނަން ބޭނުންކުރައްވައިގެން ސިޔާސީ މަންފާ ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިފަދަ ގޮތަކަށް އިއްވާ ރިޔާސީ ބަޔާނަކުން ދިވެހި ރައްޔިތުންނަށް ލިބޭނެ އެއްވެސް ހަގީގީ ފައިދާއެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޮސްޓާ މިހެން ވިދާޅުވެފައިވާއިރު މިއަހަރުގެ ރިޔާސީ ބަޔާނަކީ ކަންކަމުގެ ތަފްސީލީ މަޢުލޫމާތާއި ހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ ބަޔާނަކަށް ވާނެ ކަމަށް ވިދާޅުވެ އެ ބަޔާނަށް ރައްޔިތުން އިންތިޒާރުކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ޕީއެންސީގެ އާ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި މިދިޔަ އަހަރު ސަރުކާރު ހިނގާފައިވާ ގޮތުގެ ތަފްސީލާއި، ކުރިއަށް އޮތް އަހަރު ކަންކަން ރޭވިފައިވާ ގޮތް ވަރަށް ސަރީހަކޮށް ބަޔާންކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނުގައި ކޮންމެ ދާއިރާއަކުންވެސް ފެކްޓްސް ނުވަތަ ހަގީގަތްތަކާއި، ނަންބަރުތަކާއި ތަފާސްހިސާބުތަކާ އެކު ވަރަށް ތަފްސީލީ މައުލޫމާތު ހިމަނުއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 05 ވަނަ ދުވަހުއެެވެ.



ކިޔުންތެރިންގެ ހިޔާލު