ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތައް ހޯދުމަށް ޓަކައި "އަލިމަގު"ގެ ނަމުގައި ފެށި އޮޕަރޭޝަން ގއ. އަތޮޅުގައި ކުރިއަށްދާ ކަމަށް ފުލުހުން ބުނެފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އަލިމަގުގެ ނަމުގައި ފުލުހުން ބޮޑު އޮޕަރޭޝަނެއް މިދިޔަ ނޮވެންބަރު މަހު ވަނީ ފަށާފައެވެެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު ގއ. އަތޮޅުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ގއ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމަށް އަޅަން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް، ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެެއެެވެ. ފުލުހުން ބުނީ ގއ. އަތޮޅުގައި މިއަދު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދެކުނު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި ފުލުހުންގެ އިންޓެލިޖެންސާއި ޑީއީޑީ ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަންގެ ބައެއް މާލޭގައި ހިންގާނެ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 202 މީހަކު 31 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު