ކްރިމިނަލް ކޯޓު-
ކްރިމިނަލް ކޯޓު-
މާލޭގެ ގެއެއްގެ ތެރޭގައި ދެލޯބިވެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި، ލޯބިވެރިޔާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 10:05 އެހާކަންހާއިރު، ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއްގެ ރިޕޯޓު ލިބުނު ކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި ފިރިހެނަކަށާއި، 32 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާރާމާރީގައި އަނިޔާވި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި 32 އަހަރުގެ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ހާމަކުރިއެވެ.

އެއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިންގި މާރާމާރީއެއްކަން ތަހުގީގަށް ހޯދިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ހާމަކުރިއެވެ.

ފުލުހުންވަނީ އެ މާރާމާރީގެ މައްސަލައިގައި ހަމަ އެ ދުވަހު މާރާމާރީ ހިންގި އަންހެން މީހާ ހައްޔަރުކޮށްފައެވެ. އަދި އެ އަންހެން މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.

އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ މިފަހަރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ފުލުހުން ދަނީ މި މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު