އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިވެރިކަމުގައި ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، އެ އިދާރާތަކުގެ ބާރު މިހާރު ހިނގަނީ ހަމައެކަނި ކައުންސިލް އިދާރާގެ ގޭޓާ ހަމައަށް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކަށް ދިން ބާރުވެރިކަމާއެކު ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

ޚާއްޞަކޮށް މީގެ ކުރިން ބޮޑު މައްސަލައަކަށް ވެފައިއޮތް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރުމުން، ކުޑަ ޚަރަދަކާއެކު މުޅި ރަށް ސާފުވެ އެ މައްސަލައަށް ހައްލު ލިބިގެންދިޔަކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކައުންސިލްތަކުން ދެމުންއައި ޚިދުމަތްތަކާ މެދު ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

ނަމަވެސް ވެރިކަން ބަދަލުވުމާއެކު، މިހާރުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތަށް ހުރަސް އަޅަމުންދާ ކަމަށް ޣަފޫރު ވަނީ ތުހުމަތު ކުރަށްވާފައެވެ.

"މިއަދުގެ ހަގީގަތަކީ ކައުންސިލްގެ ބާރު މިއަދު ހިނގަނީ ކައުންސިލް އިދާރާގެ ގޭޓާ ހިސާބަށް. ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިން ބޭނުން ގޮތަކަށް ނަގާފައި ބޭނުން ފަރާތަކަށް ހަވާލުކުރެވޭ ގޮތަކަށް އޮތީ." ޣަފޫރު ވިދާޅުވިއެވެ.

ހަމައެއާއެކު، ގިނަ އަދަދެއްގެ ކައުންސިލަރުން މިހާރު ތިއްބެވީ ސަސްޕެންޝަންގައި ކަމަށާއި، އެ ފިޔަވަޅުތަކަކީ ގާނޫނާ ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ވިދާޅުވަނީ ރަށްރަށް ބައިބައިކޮށް ފިތުނަ އުފެއްދުމުގެ މަގުސަދުގައި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އޭގެއިތުރުން ޣަފޫރު ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުން ބޭނުންވާ ގޮތަށް ހަރަކާތްތެރިވާންޖެހޭ ބައެއް ނޫން ކަމަށާއި، އެއީ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ރައްޔިތުންގެ ޚާދިމުން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް "ނޫނެކޭ" ބުނުމަށް ޣަފޫރު މިއަދު ވަނީ ގޮވާލަށްވާފައެވެ.

އަދި އެމްޑީޕީގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކުރުވައި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން ކަމަށާއި، އެ ޕާޓީގެ ކެންޑިޑޭޓުން އަބަދުވެސް މަސައްކަތް ކުރާނީ އެ އުސޫލުން ކަމަށް ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު