ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން
ރާއްޖެ ދޫކޮށް ބޭރު ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތާއި ވޯޓުލުމުގެ ހައްގު ދޭން ނުޖެހޭނެކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، މިއީ ދައްކަން އުނދަގޫ އަދި ފަސޭހަ ވާހަކައެއް ނޫން ނަމަވެސް، މިއީ ގައުމުގެ އިސްލާހަށްޓަކައި ދައްކަން ޖެހިފައިވާ ވާހަކައެއް ކަމަށެވެ. ސިޔާސީ ގޮތުން ވޯޓު ނުލިބިދާނެތީ މިފަދަ ވާހަކަތައް ނުދައްކާ ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެެވެ.

އަލީ ހުސެއިން ވިދާޅުވީ ބޮޑު ބައްޔަކަށް ފަރުވާ ހޯދުމަށް ބޭރުގައި ތިބޭ މީހުން ފިޔަވައި، ދިރިއުޅުން ބޭރު ގައުމުތަކަށް ބަދަލުކޮށް، ދަރިންނަށް ކިޔަވައިދޭން ނުވަތަ އެހެން ސަބަބުތަކަށްޓަކައި ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން އުޅޭ މީހުންނަށް އާސަންދަ ލިބިގެން ނުވާނެ ކަމަށެވެ. ހަމައެގޮތަށް، ރާއްޖޭގެ ޓެކްސް ނިޒާމުގެ ތެރޭގައި ނޫޅޭ އަދި ބޭރުގައި ދިރިއުޅޭ މީހުންނަށް ރާއްޖޭގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށްވެސް ޢަލީ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޓެކްސް ނުދައްކަންޏާ ވޯޓެއް ދެވޭނެ ކަމަކަށް. ކޮން ގައުމެއްގެ ވޯޓުފޮށިތަކެއްތޯ ދިވެހިރާއްޖޭގައި ބަހައްޓަނީ؟ އިންޑިއާ، ސްރީލަންކާ ނުވަތަ ބަންގްލަދޭޝްގެ ވޯޓުފޮށިތައް ރާއްޖޭގައި ހުރޭތޯ؟ ނުހުރޭ ނޫންތޯ؟" އަލީ ހުސެއިން ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން، ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންނަށް ވެސް ރައީސަކު ހޮވުމުގެ ވޯޓުލުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

"ކިހިނެއްތޯ ޖަލުގައި ހުކުމުގައި ތިބޭ މީހުން ނިންމާނީ ތިމަންނަގެ ގައުމުގެ ރައީސަކަށް އަންނާނީ މިވެނި މީހެކޭ؟ މިފަދަ މީހުންނަށް އެ ފުރުސަތު ދީގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އާސަންދައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސެއިން އިތުރަށް ވިދާޅުވީ، އާސަންދައަކީ ދައުލަތުން ހިލޭ ދޭ އެއްޗެއް ނޫން ކަމަށާއި އެެއީ ރައްޔިތުންގެ ފައިސާ އިން ދޭ އެއްޗެއް ކަމަށެވެ. ރައްޔިތުންގެ ފައިސާ ސަރުކާރުން ބޭނުންކުރާނަމަ ސަރުކާރުން ޒިންމާދާރުވާން ޖެހޭނެ ކަމަށް ޢަލީ ވިދާޅުވިއެެވެ. އަދި އާސަންދަ ލިބެންޖެހޭނީ ހަމައެކަނި ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކުންނާއި ކްލިނިކްތަކުން ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމުގެ ފުރުޞަތު މިހާތަނަށްވެސް އަންނަނީ އެފަދަ ފަރާތްތަކަށް ދެމުންނެވެ. އެހެންނަމަވެސް، ބޭރުގެ ޤައުމުތަކުގައި ވޯޓުފޮށި ބަހައްޓައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސަނީ، އެ ޤައުމެއްގައި ދިރިއުޅޭ ދިވެހިންގެ އަދަދު ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ހަމަވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު