އަލިމަގުގެ ނަމުގައި ފެށި އޮޕަރޭޝަނުގައި މާލެއާއި ގއ. އަތޮޅުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި ހަތަރު މީހުންގެ ބޭންކު އެކައުންޓުތަކުގައި މިދިޔަ ފަސް އަހަރުތެރޭ 300 މިލިއަން ރުފިޔާއާއި ހަތަރު ލައްކަ ޑޮލަރު ދައުރުކުރި ކަމަށް ފުލުހުން ބުނެފިއެވެ.

"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ؛

- ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ)

- މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ)

- އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ)

- އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ)، އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފަައިވަނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށެވެ.

އަދި މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހާއްސަ ތަހުގީގެއް ފަށާފައިވަނީ 2025 މާރިޗް މަހުގައި ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން މައުލޫމާތު ދީފައިވާގޮތުން މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައެވެ. އެގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މިނެޓްވޯކުގެ މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ.

މި ހުރިހާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެެވެ.

ފުލުހުން ހާމަކުރިގޮތުގައި އިއްޔެ ހައްޔަރުކޮށް، މިހާރު ޝަރީއަތް ނިމެންދަން ބަންދުކޮށްފައިވާ މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17،174،461.12ރ. ދައުރު ކޮށްފައިވެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،638.99ރ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަނާމްގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60ރ. ދައުރު ކޮށްފައިވާއިރު، މި މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32ރ. ކަމަށް ފުލުހުން ހާމަކުރިއެވެ.

އަދި އިއްޔެ ޝަރީއަތްނިމެންދެން ބަންދު ކުރި ޝައްފާޙްގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83ރ. ދައުރު ކޮށްފައިވާއިރު، މި މުއްދަތު ތެރޭގައި ޝައްފާޙް ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36ރ. ކަމަަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު