މިނިކާ ރާއްޖެ
މިނިކާ ރާއްޖެ
އިންޑިއާ ކަނޑުގައި އޮންނަ ނޯތު ސެންޓިނެލް އައިލެންޑުގައި ދިރިއުޅޭ "ސެންޓިނެލީސް" އަކީ ދުނިޔޭގެ އެހެން އިންސާނުންނާ އެއްވެސް ގުޅުމެއް ނެތި އެކަހެރިކޮށް ދިރިއުޅެމުންދާ ގަދީމީ ގަބީލާއެކެވެ. ބޭރު ދުނިޔޭގެ މީހުންނާ އެއްވެސް މުއާމަލާތެއް ކުރަން ބޭނުންނުވާ މި މީހުންނަކީ، އެ ގައުމުގެ ސަރަހައްދަށް ވަންނަން މަސައްކަތްކުރާ ކޮންމެ މީހަކަށް ވަރުގަދަ ހަމަލާތަކެއް ދޭ ބައެކެވެ.

ސަވައިވަލް އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ވަކާލާތު ކުރަނީ މި މީހުންގެ މިނިވަންކަމާއި އެކަހެރިކަމަށް އިހުތިރާމް ކުރުމަށެވެ. އެއީ، ބޭރު ދުނިޔޭގެ މީހުންގެ ފަރާތުން ފެތުރޭ އާދައިގެ ރޯގާއެއް ފަދަ ބައްޔެއްގެ ސަބަބުން ވެސް، ދިފާއީ ނިޒާމު ބަލިކަށި މި މުޅި ގަބީލާ އެއްކޮށް ނެތިގެން ހިނގައިދާނެތީއެވެ. މި ރަށަކީ މެންހަޓަންގެ ބޮޑުމިން ހުންނަ، ވަރަށް ބޮޑަށް ޖަންގަލި ހެދިފައިވާ ރަށެކެވެ. މި ސަރަހައްދަކީ "ޝޮމްޕެން" ނަމަކަށް ކިޔާ އެހެން އެކަހެރި ގަބީލާއެއް ވެސް އުޅޭ ސަރަހައްދެކެވެ.

2025 ވަނަ އަހަރުގެ މާރިޗު މަހު، އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ މައިކަލް ވިކްޓޯރޮވިޗް ޕޮލްޔަކޯވް ވަނީ ގަވާއިދާ ހިލާފަށް މި ރަށަށް އަރާފައެވެ. އޭނާ އެ ރަށުގައި މަދު މިނެޓުކޮޅަކު މަޑުކޮށް، "ހަދިޔާއެއްގެ" ގޮތުގައި ކޯލާ ދަޅަކާއި ކާއްޓެއް ބެހެއްޓިއެވެ. މި އަމަލުގެ ސަބަބުން އޭނާ އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިއީ މުޅި ގަބީލާ ނެތިކޮށްލުމުގެ ނުރައްކާ އޮތް ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ޖޯން އެލަން ޗޯ ނަމަކަށް ކިޔާ މިޝަނަރީއަކު ވެސް ވަނީ އެ ރަށަށް އަރަން އުޅުމުގެ ތެރޭގައި މަރުވެފައެވެ. އަދި 2006 ވަނަ އަހަރު ދެ މަސްވެރިން ވެސް ވަނީ އެ ރަށުގެ ގޮތްނޭނގޭ މި މީހުންގެ ހަމަލާތަކުގައި މަރުވެފައެވެ. ސެންޓިނެލީސް މީހުންގެ ބަހާއި އާދަކާދައިގެ ބޮޑުބައި އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ.

އިންޑިއާގެ އޮފިޝަލުންނަށް އެ މީހުންނާ ކައިރިވެވިފައިވަނީ މަދު ފަހަރަކުއެވެ. އެ މީހުންނަކީ ދަނޑުވެރިކަން ކުރުމުގެ ބަދަލުގައި، ޖަންގަލިން ކާތަކެތި ހޯދައިގެންނާއި މޫދުން މަސް ބާނައިގެން އުޅޭ ބައެކެވެ. އެ މީހުންނަކީ "ސިލޭނޭ" ޒަމާނުގެ ބައެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫނެވެ. އެ މީހުންނަކީ ޒަމާނާ އެކު އާދަކާދަތަކަށް ބަދަލު ގެންނަ ބައެކެވެ. މިސާލަކަށް، ރަށުގެ ފަރުތަކަށް ލައްވާ ދަނގަޑު ބޭނުންކޮށްގެން ދުނިދަނޑީގެ ކޮޅުތައް ހަދަން އެ މީހުން ދަނެއެވެ.

އިނގިރޭސި އިސްތިއުމާރީ ދުވަސްވަރު، 1800 ގެ ފަހުކޮޅު، އެމް.ވީ. ޕޯޓްމަން އިސްވެ ހުރެ އެ ރަށުން ދެ މުސްކުޅިންނާއި ހަތަރު ކުޑަކުދިން ވަނީ ވަގަށް ނަގައިގެން ގެންގޮސްފައެވެ. އޭގެ ތެރެއިން ދެ މުސްކުޅިން ބަލިވެ މަރުވިއިރު، ކުޑަކުދިން އަނބުރާ ރަށަށް ފޮނުވާލިއެވެ. ބެލެވޭ ގޮތުގައި އެ ކުދިންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ބަލިތައް ފެތުރި، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިފަދަ ހިތްދަތި ތަޖުރިބާތަކުގެ ސަބަބުން، ސެންޓިނެލީސް މީހުން ބޭރު މީހުންނާ ގުޅުން ބާއްވަން ބޭނުންނުވަނީ ކަމަށް މުހައްލިލުން ގަބޫލުކުރެއެވެ. މިހާރު ފެންނަ ފެނުމަށް އެ މީހުންނަކީ ވަރަށް ދުޅަހެޔޮ، ބާރުގަދަ އަދި އަމިއްލަ ފުދުންތެރިކަމުގައި އުޅެމުންދާ ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު