އަލީ ނަދީމް (ނަދަމާ)
އަލީ ނަދީމް (ނަދަމާ)
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަލީ ނަދީމް (ނަދަމާ) ސިޔާސީ މަޤާމުން ވަކިކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް 2024 ވަނަ އަހަރު އައްޔަންކުރި ސ. ހިތަދޫ ކޮންމުލި، އަލީ ނަދީމް، ސިޔާސީ މަޤާމުން ވަކިކޮށްފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 6 ގައެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް، ނަދަމާ ހިމެނޭހެން 10 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ މި ނެޓްވޯކަށް އަމާޒުކޮށްގެން މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު ފެށީ މިދިޔަ މާރިޗު މަހުން ފެށިގެން ކަމަށެވެ. އަދި، 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

އެގޮތުން މި ނެޓްވޯކުގެ ހަތަރު މީހެއްގެ އެކައުންޓުން މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާ ކަަމަށް ފުލުހުން ހާމަ ކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހޯދުމަށް ފުލުހުން ކުރިއަށްގެންދާ 'އޮޕަރޭޝަން އަލިމަގު' ގައި މިހާތަނަށް ސިޔާސީ މަޤާމުތަކުގައި ތިބި ދެމީހަކަު ހައްޔަރު ކޮށްފައިވެއެވެ. އެއީ ނަދަމާގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި ގއ. ވިލިނގިލި، އައިޒަން، އަހްމަދު އަނާމް އިބްރާހިމް (30އ) އެވެ. އޭނާވެސް މިހާރު ވަނީ މަޤާމުން ވަކި ކޮށްފައެވެ.

އަނާމް ހިމެނޭ ނެޓްވޯކުގައި ހިމެނޭ މީހުންގެ އެކައުންޓް ތަކުގައި ފަސް އަހަރު ތެރޭގައި، 300 މިލިއަނެއްހާ ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތުދީފައެވެ.



ކިޔުންތެރިންގެ ހިޔާލު