ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުންފުނިތަކުގެ ވެރިން ރައީސް އާއި، ސިޔާސީ ޕާޓީއަށާއި، އަމިއްލަ ނަފްސަށްވެސް ބައި އަޅާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޢުމަރު ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ވައްކަން ކުރުމުގެ ބޭނުމުގައި ހިންގާ ތަންތަން ކަމަށާއި، އެ ތަންތަނުގެ ވެރިން ރައީސުލްޖުމްހޫރިއްޔާއަށާއި ސިޔާސީ ޕާޓީއަށް "ބައި އަޅަމުންދާ" ކަމަށް ތުހުމަތުކުރައްވައިފައެވެ.

އުމަރު ނަސީރު މިފަދަ ބޮޑު ތުހުމަތެއް ކުރެއްވީ، ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކަށް ވެރިން އައްޔަނުކުރަނީ އެ ތަނެއް ހިންގަމުން "ބައި އަޅާނެ" މީހެއްކަން ބަލައިގެން ކަމަށެވެ. އަދި މިފަދަ ވައްކަންތައް ހިންގަނީ ހަމައެކަނި އަމިއްލަ މީހާގެ ފައިދާއަށް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެ މީހުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ބައި އަޅާނެ. ޕާޓީއަށް ވެސް ބައި އަޅާނެ. އަދި އެ މީހުންގެ އަމިއްލަ ނަފުސަށް ވެސް ބައެއް އަޅާނެ." އުމަރު ވިދާޅުވިއެވެ.

ހަމައެއާއެކު އުމަރު ވަނީ، ކުންފުނިތަކުގެ ތެރޭގައި ހިންގާ ހުރިހާ ކޮރަޕްޝަނަކީ ރައީސް އަށް އެނގިވަޑައިގެން، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ދުރާލާ ރާވައިގެން ހިންގާ ކަންކަން ކަމަށްވެސް ތުހުމަތު ކުރަށްވާފައެވެ. އޭނާ ވިދާޅުވީ، ރައީސަށް ނުވަތަ ޕާޓީއަށް އަޅަންޖެހޭ ބައި ނާޅައިފިނަމަ ނުވަތަ އެކަމެއް ފަޅާއަރައިފިނަމަ، އެ މީހަކު ޖަލަށްލާނެ ކަމަށާއި، ނޫންނަމަ އެ މީހަކު ހުރި ކުންފުނީގެ މަގާމު ބަދަލުކުރާނެ ކަމަށެވެ.

"ހިންގާ ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެން، ރައީސުލްޖުމްހުރިއްޔާގެ އިރުޝާދުގެ ދަށުން ހިންގާ ކަންކަން. އަދި، ރައީސުލްޖުމްހޫރިއްޔާއަށް ބައި އެޅިގެން ހިންގާ ކަންކަން. ސިޔާސީ ޕާޓީއަށް ބައި އެޅިގެން." އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ޕީއެންސީން އަލަށް ހުޅުވި އޮފީހާ ގުޅުވައިގެން ވެސް އުމަރު ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން، އެފަދަ ބޮޑު އޮފީހެއް އަޅަން ފައިސާ ހޯދީ ކޮންތަނަކުންތޯ އޭނާ ސުވާލު ކުރެއްވިއެވެ. މީގެ ކުރިން ދުވަހަކުވެސް ޖަގަހައެއް ހެދިފައި ނެތްކަން ފާހަގަކުރަށްވައި، އެ އޮފީހަށް ހަރަދުކުރީ "ވައްކަމުން" ހޯދި ފައިސާއިން ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.

ކުންފުނިތަކުގެ ކޮރަޕްޝަނާ ގުޅޭގޮތުން އުމަރު މިފަދަ ވާހަކަތަކެއް ދައްކަވާފައިވާއިރު، ސަރުކާރު ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގާ ކަމުގެ ޝަކުވާތަކާއި އަޑުތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ނަމަވެސް، ސަރުކާރުން އަދި މި ތުހުމަތުތަކަށް ރަސްމީކޮށް ރައްދެއް ދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު