ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ދާއޫދު (ޑޭވިޑް)
ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ދާއޫދު (ޑޭވިޑް)
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ދާއޫދު (ޑޭވިޑް) ދެއްވި ބަސްދީގަތުމަކާ ގުޅިގެން، އާންމުންގެ ބޮޑެތި ފާޑުކިއުންތަކެއް އޭނާއަށް އަމާޒުވާން ފަށައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި މެންބަރު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި ރައީސް ގެންގުޅުއްވާ ޤައުމިއްޔަތުގެ ފިކުރަށާއި އިސްލާޙީ ބަދަލުތަކަށް މުޅި ދާއިރާގެ އެއްބާރުލުން ލިބެމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މެންބަރުގެ މި ވާހަކަތަކަށް މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

އެގޮތުން ގިނަ ބަޔަކު ބުނެފައިވަނީ، މިއީ ހަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމަށް މެންބަރު ކުރި މަސައްކަތެއް ކަމަށެވެ. މީސްމީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ މެންބަރުގެ މި ވާހަކަތަކަކީ ބޮޑު "ޖޯކެއް" ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އާންމުން ބުނަމުންދަނީ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް އެއްބާރުލުން ދޭން ތިބީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭކާރު ސިޔާސީ ވަޒީފާތައް ދީފައިވާ މަދު ބަޔަކު ކަމަށާއި، މުޅި ރަށުގެ ރައްޔިތުންގެ ވިސްނުން އެއާ ތަފާތު ކަމަށެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ސަރުކާރުން އެއްވެސް މުހިންމު މަސައްކަތެއް ކޮށްދީފައި ނުވާކަމަށް ރައްޔިތުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށްވެސް ސަރުކާރުގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.

އޭގެއިތުރުން މިފަދަ ދަނޑިވަޅެއްގައި، ކުޅުދުއްފުށި ސިޓީގެ ހަޤީޤީ ހާލަތު އޮޅުވާލައި، ރައްޔިތުންގެ ތާއީދު އޮތް ކަމަށް މެންބަރު ދާއޫދު ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑީއާގައި މެންބަރު ދާއޫދު ހޫނުފެނަށް ވައްޓާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު