ކުށްވެރިންނަށް މަތީ މަގާމުތައް: ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ކޮބާ؟
ކުށްވެރިންނަށް މަތީ މަގާމުތައް: ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ކޮބާ؟
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކޮރަޕްޝަނާއި ކުށްވެރިންނަށް ފުރުޞަތު ނުދޭނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، ޢަމަލީ މައިދާނުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މިއަދު ގިނަ ބަޔަކު އެ ދައްކަނީ އެވާހަކަ އެވެ. ވައްކަން ކުރީމާ، ޚިޔާނާތާއި ކޮރަޕްޝަން ހިންގީމާ މޫނަކަށް ކަނދުރާއަކަށް ނުބަލައި "ވަގުތުން ވަގުތަށް" ފިޔަވަޅު އަޅާނަމޭ ވިދާޅުވެ ދެއްކެވި އެއްވެސް ވާހަކަފުޅެއް ދިމައެއް ނުވިއެވެ. އޭގެ ބަދަލުގައި ވައްކަން ކުރީމާ، ކޮރަޕްޝަން ހިންގީމާ ފާޑުކިޔާ، ބަވައި ކުދިކުރަން ފެށީމާ ބޮޑުވަރަކަށް މިކުރައްވާ ކަމަކީ ރައްޔިތުން ހަނދާން ނެތެންދެން ނިޒާމުން ގެއްލުވާލަނީއެވެ. ދެން މަޑުމަޑުން ނެރެނީ ޕާޓީގެ ކުރީ ސަފަށެވެ.

މިފަދަ މިސާލުތައް ބައިވަރެވެ. މިތާނގައި ކުޑަ މިންވަރެއް ކޮށްލެވޭތޯ ބަލާނަމެވެ.

2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާމެންދޫ ކައުންސިލްގެ ރައީސަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތު އޮތް ސޯބިރު ނަމަކަށް ކިޔާ މީހަކަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މާމެންދޫ އޮފީހުގެ މެނޭޖަރުކަން ދިނީ ހަމަ އޭނާ އެއްތެދަށް ހިނގާތީ ކަމަށް ވެދާނެއެވެ. މިފަދަ ނުރައްކާތެރި މާރާމާރީގެ މައްސަލައެއް ތަހުގީގު ކުރެވެމުންދަނިކޮށް، ސިޔާސީ ނުފޫޒުން އޭނާއަށް ބޮޑު މުސާރަ ލިބޭ މަތީ މަގާމެއް ދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. ފާޑުވެސް ކީ ކަމެކެވެ.

މީނާއަށް މަގާމު ދިނުމުގެ ފަހަތުގައި އޮތީ ކޮލަމާފުށި ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ސީދާ ނުފޫޒު ކަމަށް އެ ދާއިރާގެ ރައްޔިތުން ތުހުމަތު ކުރާއިރު، މިއީ ދައުލަތުގެ މުއައްސަސާތައް ސިޔާސީ ފަރާތްތަކުގެ "ކުޅޭކޮޅަކަށް" ވެފައިވާ މިންވަރު ދައްކުވައިދޭ ހެއްކެކެވެ. ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތު އޮތް މީހަކަށް ދައުލަތުގެ ކުންފުންޏަކުން ހިމާޔަތާއި ބާރު ދިނުމަކީ، އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ ހެއްކެކެވެ. މިކަމާ ގުޅޭގޮތުން މެމްބަރު ދީދީގެ ބަހެއް ލިބިފައި ނުވާއިރު، ސަރުކާރުގެ ހާމަކަން ބޮޑުކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ހިމެނެމުންދާ ކަމެވެ. ފުލުހުން ހިންގާ އޮޕަރޭޝަންތަކުން ހައްޔަރުކުރާ ނެޓްވޯކްތަކުގެ އިސް ސަފުން ރައީސް މުޢިއްޒުގެ ސިޔާސީ މުވައްޒަފުން ފެނުމަކީ، މި ސަރުކާރުގެ "ސާފު" ސިޔާސަތަކީ ހަމައެކަނި ދައްކާލާ ދަޅައެއްކަން ސާފުވާ ކަމެކެވެ. ކުށްވެރިންނާއި ޖިނާއީ ނެޓްވޯކްތަކަށް ސަރުކާރުގެ ތެރެއިން ހިމާޔަތް ލިބެމުންދާދިއުމަކީ ގައުމުގެ އަމާންކަމާއި ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ސަބަބެކެވެ.

މިފަދަ ހާދިސާއެއް އިއްޔެ ވެސް ވަނީ ފެންމަތިވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު