ގޭސް ކުންފުނީގެ އެމްޑީ މަދަނީ ޢަބްދުالله
ގޭސް ކުންފުނީގެ އެމްޑީ މަދަނީ ޢަބްދުالله
މޯލްޑިވްސް ގޭހުގެ 2.5 ލައްކަ ޑޮލަރު ގެއްލުނު މައްސަލަ ތަހުގީގު ކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށައަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރެވެ. މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ޝާކިރު އެދިލައްވާފައިވަނީ، ގޭސް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މަޖިލިސް މެމްބަރުންނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ތަހުގީގުކޮށް ދިނުމަށާއި، ގޭސް ކުންފުނިން ގެއްލިފައިވާ ފައިސާގެ މައްސަލަ ބައްލަވައި ދެއްވުމަށެވެ.

އެގޮތުން އެސިޓީގައި ޝާކިރު އެދިފައިވަނީ، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މޯލްޑިވް ގޭސް އިން 800،000 ޑޮލަރުގެ ގޭސް ޝިޕްމަންޓެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި 246،654 ޑޮލަރު ދައްކާފައިވާއިރު، މި މުއާމަލާތުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އެކަން ތަހުގީގު ކުރުމަށެވެ.

މީގެ އިތުރުން، މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރަށް ބިރުދެއްކުން ދޭހަވާ ފަދަ ގޮތަކަށް މީސްމީޑިއާގައި ޕޯސްޓުތަކެއް ކުރައްވާފައިވާތީ، މި ދެ މައްސަލައާ ގުޅޭ ފުރިހަމަ މައުލޫމާތު ހޯދައި، އެސްއޯއީ ކޮމިޓީން މިކަންކަން މިހާރުން މިހާރަށް ތަހުގީގު ކޮށްދިނުމަށް ޝާކިރު ވަނީ އެދިލައްވާފައެވެ.

ޝާކިރު މިމައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވާއިރު، ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ޖަކްސާ އެނަރޖީ ޓްރޭޑިންގ ކުންފުންޏަށް ދައްކާފައިވާ އެޑްވާންސް ޕޭމަންޓް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސްގެ ވެންޑަރ ރަޖިސްޓްރޭޝަން ގަވާއިދު ބުނާގޮތުން، އެ ކުންފުންޏަށް މުދާ ފޯރުކޮށްދޭ ކުންފުނިތަކަކީ އަހަރީ އާމްދަނީ 5 މިލިއަން ޑޮލަރަށް ވުރެ މަތި، އަދި ފާއިތުވި ދެ އަހަރުގެ އޯޑިޓް ފައިނޭންޝަލް ސްޓޭޓްމަންޓް ހުށަހަޅާފައިވާ ކުންފުނިތަކަކަށް ވާންޖެހެއެވެ. ނަމަވެސް، ޖަކްސާ އެނަރޖީއަށް 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 1.4 މިލިއަން ޑޮލަރެވެ. މިއީ ގަވާއިދުގައި ބުނާ މިންގަނޑަށް ވުރެ 3.6 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން ދާއިރު، މި މައްސަލައާ ގުޅިގެން މޯލްޑިވްސް ގޭސްގެ ބޯޑުން މިހާރު ވަނީ ގޭސް އިމްޕޯޓް ކުރުމުގެ އެންމެހާ ކަންކަން ވަގުތީ ގޮތުން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް މީގެކުރިން މި މައްސަލައިގެ ވާހަކަ ދައްކާފައިވާއިރު، މަޖިލީހުގެ ބައެއް މެންބަރުން ވަނީ މި ފައިސާއަކީ ޖުވާ ކުޅެގެން ގެއްލުނު ފައިސާ ކަމަށް ތުހުމަތު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު