އަންނަ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހެއްގެ އެހީއަކާ ނުލައި ވޯޓުލާ ނަމަ، ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ގައި ބާއްވާ އިންތިހާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުން ނަމަ، އެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެކަމަށް ރަޖިސްޓްރީވުމަށް ހުޅުވާލާ ކަމަށެވެ.

އީސީން ބުނީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ މީހުން މިއަދުން ފެށިގެން އަންނަ މަހުގެ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް 1414 އަށް ގުޅައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އެ ނަމްބަރުގެ ހިދުމަތް ލިބޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަސް ފިޔަވައި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ކަމަށް އެކޮމިޝަނުން ބުންޏެވެ. އަދި ހުކުރު ދުވަސްތަކުގައި ހިދުމަތް ލިބޭނީ މެންދުރުފަހު 3:00 އިން ރޭގަނޑު 8:00 އަށް ކަމަށް އީސީން ވަނީ ބުނެފައެެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294،937 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު