އަޝްވާގް ފައުޒީ   16 ޖެނުއަރީ 2026 - 1:30
ރައީސް މުއްއިޒު
ރައީސް މުއްއިޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ޢަމަލުކުރަމުންދާ ގޮތްތަކަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފެނިފައިނުވާ ފަދަ ހުދުމުހުތާރު ސިފަތަކެއް އެކުލެވިގެންވާ ކަންކަން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ޢާންމުންގެ ފާޑުކިޔުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

ވަކިން ޚާއްޞަކޮށް، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި، ވަޒީފާގެ ބިރުވެރިކަން އުފައްދައިގެން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ނުފޫޒު ފޯރުވުމުގެ އެންމެ މަތީ ދަރަޖަ ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ކުންފުނިތަކަށް އަލަށް ވަންނަ މުވައްޒަފުންނަށް ޕީއެންސީއަށް ސޮއިކުރުން ޝަރުތުކުރަމުންދާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުން ބޭނުންވާ ކެންޑިޑޭޓުންނަށް ތާއީދު ނުކޮށްފި ނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުތައް ދަނީ ދެމުންނެވެ.

މިއީ ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަން ކުރެއްވި ރައީސް މައުމޫނުގެ ދައުރުގައި ވެސް ފެނިފައި ނުވާ ފަދަ ނުރައްކާތެރި މިސްރާބެއް ކަމަށާއި، ކުންފުނިތަކުގެ އިސްމަގާމުތަކަށް ރައީސްގެ އަރިސް ބޭފުޅުން ޢައްޔަންކުރައްވައިގެން، ނިޒާމީ ގޮތެއްގައި ކޮރަޕްޝަނާއި ވައްކަމުގެ ޢަމަލުތައް ހިންގަމުންދާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.

މީގެ އިތުރުން ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ސިޔާސީ ހަރަކާތްތައް ހިންގުމާއި، ބޮޑެތި މުސާރަދީފައި ސިޔާސީ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ، ޚިދުމަތްތަކަށް ބުރޫއަރަމުންދާ ކަމުގެ ޝަކުވާ ބޮޑެވެ. ޚާއްޞަކޮށް ފެނަކަ އަދި އާރުޑީސީ ފަދަ ކުންފުނިތަކުން އާންމު ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ގިނަ ދުވަސްވުމުގެ މައްސަލަ ފާހަގަކުރެވެއެވެ.

މި ހުރިހާ ކަމެއްގެ ނަތީޖާއަކީ ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަން ގެއްލި، ރައްޔިތުންގެ މައްޗަށް ބިރުވެރިކަން އިސްކުރުން ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު