މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙް ވޯޓް ލައްވަނީ
މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙް ވޯޓް ލައްވަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ މިހާތަނަށް މައްސަލަ އެއް ދިމާނުވާ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު 14:30 ގައި ފެށި މި ޕްރައިމަރީގައި ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރެއެވެ. ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާ ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ހުރިހާ ތަނެއްގައިވެސް ރޭވިފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

"ޑަބްލިއުޑީސީ އިންތިޚާބު ހަމަ އޮތް ގަޑިއަށް ފެށިގެން ކުރިއަށް މިދަނީ. އަޅުގަނޑުމެން ހަމަ ގާތްގަނޑަކަށް ހުރިހާ ތަނަކަށް މިހާރު ގޮސްފިން. ހަމަ ވަރަށް ރަނގަޅަށް ވޯޓުލުން ކުރިއަށް މިދަނީ. އަދި އިންތިޒާމުތައް ވެސް ހަމަ ވަރަށް ފުރިހަމައަށް ކުރެވިފައި ވަނީ،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސަޕޯޓަރުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. އަދި މިހާތަނަށް ވޯޓުލުމުގެ އެއްވެސް މަރުކަޒަކުން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުވަތަ މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ މެންބަރުންނަށް މެސެޖެއް ދެއްވަމުން ޣަފޫރު ވިދާޅުވީ، ސިޔާސީ މަސައްކަތުގައި ޚިޔާލު ތަފާތުވުންތައް ހުއްޓަސް، އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ދޭން އޮތް މެސެޖަކީ ކޮންމެ ދާއިރާއެއްގައި އުޅުނަސް ހިޔާލު ތަފާތުވުން އޮންނާނެ. ހަމަ ހުރިހާ ބޭފުޅުން އެކުވެ ތިބެގެން ކުރިއަށް ދާން ހިނގާށޭ، އޭރުން އަޅުގަނޑުމެންނަށް މި އިންތިޚާބުތައް ކާމިޔާބު ކުރެވޭނީ،" ގަފޫރު ވިދާޅުވިއެވެ.

މި ޕްރައިމަރީގެ ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ޕްރައިމަރީ ނިމި މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ ވެސް އިއުލާންކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިއަދު ކުރިއަށްދާ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކަން ފާހަގަކުރެވެއެެވެ. އެއްކޮޅުން މާލޭގެ މިހާރުގެ މޭޔަރު އާދަމް ޢާޒިމް ވާދަކުރަށްވާއިރު އަނެއްކޮޅުން ވާދަކުރައްވަނީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ.



ކިޔުންތެރިންގެ ހިޔާލު