އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ "ގޮތެއް ފޮތެއް ނެތް" ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ، މިއީ ވޯޓަކުން ސަރުކާރަށް ވަރުގަދަ މެސެޖެއް ދިނުމަށް ރައްޔިތުންނަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ. އަދި މި ފުރުސަތުގެ ބޭނުން ހިފައި، ސަރުކާރުން މިހާރު ގެންގުޅެމުންދާ އުސޫލެއް ނެތް ސިޔާސަތުތަކާ ދެކޮޅަށް ނިކަން ކެރިގެން ރައްޔިތުން ތެދުވާންޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް ކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.

"އެހެންވީމާ މި ފުރުސަތުގައި އަޅުގަނޑުމެން ޖެހޭނީ ސަރުކާރުގެ ގޮތެއް ފޮތެއް ނެތް ސިޔާސަތުތަކަށް ނޫނެކޭ ބުނަން ނިކަން ކެރިގެން،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، އެމްޑީޕީގެ މަސައްކަތްތައް ވަރަށް ބޮޑަށް ތަރުތީބުވަމުންދާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މި ސަރުކާރު ބޮޑުތަނުން ބަލިކޮށްލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހާރުގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް އިތުބާރުކުރާ ނުވަތަ އެ ނިޒާމް ގަބޫލުކުރާ ސަރުކާރެއް ނޫން ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީ (ޕީޕީއެމް/ޕީއެންސީ) ގެ މުޅި ވިސްނުމަކީ ދައުލަތުގެ ހުރިހާ ބާރުތަކެއް އެއްކޮށް، އެ ބާރުތަކުގައި ބަގުޑިބައްދައިގެން ވެރިކަން ކުރުން ކަމަށެވެ. އަދި ހުރިހާ ކަމެއް އެންމެ ފަރާތެއްގެ ނިންމުމުގެ ދަށުން ހިންގުމަކީ އެ ބޭފުޅުންގެ އަސްލު މަގުސަދު ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަންނަވަމުން ގެންދިޔައިން މި ސަރުކާރު، ޕީއެންސީގެ ސަރުކާރު އުފެދިއްޖެނަމަ ލާމަރުކަޒީ ނިޒާމް ޚަރާބު ކޮށްލާނެ ކަމަށް. މިއަދު އެ ފެންނަނީ އެ މަންޒަރު،" ޝާހިދު ވިދާޅުވިއެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ނަމުގައި އެޓޯލްސް މިނިސްޓްރީއެއް އުފައްދަވައި، ގާނޫނީ އޮނިގަނޑުގެ ތެރެއިން ހުރިހާ ބާރުތަކެއް އެ މިނިސްޓްރީގެ ދަށަށް ގެންނަވަމުންދާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް މާލޭގެ ފިނި ކޮޓަރިތަކުގައި ތިއްބަވައިގެން ކުރުމަކީ މި ސަރުކާރުގެ ވިސްނުން ހުރި ގޮތް ކަމަށެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތަކުގެ ދައުރު ހަނިކޮށް، އެ ބާރުތައް މާލޭގައި ހުންނަ މިނިސްޓްރީތަކަށް ބަދަލުކުރަމުންދާ ދިއުމަށްވެސް ޝާހިދު ފާޑުވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށް ލިބޭ މުސާރައަށްވުރެ އެތައް ގުނައެއް އިތުރަށް ސިޔާސީ މަގާމުތަކަށް (ސްޓޭޓް މިނިސްޓަރުންނާއި ނައިބުން) ޚަރަދުކުރަމުންދާ ކަމަށާއި، މިއީ ސިޔާސީ ބޭނުމަށް ކުރާ ބޭކާރު އިސްރާފެއް ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން ބާރުވެރިކުރުވަން ބޭނުން ނުވާ ކަމަށެވެ. ރައްޔިތުންގެ ފަރާތުން އެއްވެސް ކަހަލަ ބާރެއް ކައުންސިލްތަކަށް އޮތުމަކީ މި ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު