އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާޤު
އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާޤު
ހުޅުމާލޭގައި އަލަށް ބިނާކުރެވޭ އެޕާޓްމަންޓްތަކަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް އަމާޒުކޮށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޚާއްޞަ އޮރިއެންޓޭޝަން ކޯސްތަކެއް ތައާރަފްކުރަންޖެހޭ ކަމަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފިރާޤު ވިދާޅުވީ، ކޮންޑޮމިނިއަމް ނުވަތަ ފްލެޓްތަކުގައި ދިރިއުޅުމަކީ އާދައިގެ މިނިވަން ބޯހިޔާވަހިކަމާ ވަރަށް ތަފާތު ދިރިއުޅުމެއް ކަމަށެވެ. މިއީ ވަކި ޚާއްޞަ ޑިސިޕްލިންއަކާއި، ހޭލުންތެރިކަމުގެ އިތުރުން އެކަކު އަނެކަކަށް އިޙްތިރާމްކުރުން ބޭނުންވާ ކަމެއްކަން އޭނާ ވިދާޅުވިއެވެ.

ފިރާޤު އިތުރަށް ވިދާޅުވީ ފްލެޓްތަކުގައި ދިރިއުޅޭއިރު ޕާކިން އޭރިއާތަކާއި، ލިފްޓް، ކޮރިޑޯ، ކުޅޭ ސަރަހައްދުތަކުގެ އިތުރުން ކުނި އުކާލާ ތަންތަނަކީ އެންމެން ހިއްސާކުރާ ވަސީލަތްތަކެއް ކަމަށެވެ. މި ތަންތަން ބޭނުންކުރުމުގައި އެކަށީގެންވާ ވިސްނުމެއް ނެތްނަމަ، އަވަށްޓެރިންގެ މެދުގައި ކޯޅުންތައް އުފެދި، ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އަޑުގަދަވުމާއި، ސާފުތާހިރުކަން ކުޑަވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަން ފާހަގަކުރަށްވަމުން ފިރާޤު ވިދާޅުވީ މީގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ދަށްވެގެންދާނެ ކަމަށެވެ.

މިގޮތުން އެޗްޑީސީން ހިންގަންޖެހޭ ކޯސްތަކުގައި ހިމަނަންޖެހޭ މުހިންމު ބައިތަކެއްގެ ގޮތުގައި ފިރާޤު ފާހަގަކުރެއްވީ:

. ގޭތެރޭގެ އާންމު ގަވާއިދުތަކާއި މުޖުތަމައުގެ ޒިންމާ.

. ކުނި ނައްތާލުމުގެ ރަނގަޅު އުސޫލުތައް.

. އަޑު ކޮންޓްރޯލްކުރުމާއި ބެލްކަނި ފަދަ ތަންތަން ބޭނުންކުރާނެ ގޮތް.

. ސަލާމަތީ ކަންކަމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގަވާއިދުތައް.

. އަވަށްޓެރިންނަށް އިޙްތިރާމްކުރުމުގެ މުހިންމުކަން.

މީގެ އިތުރުން ފިރާޤު ވިދާޅުވީ ހުޅުމާލެއަކީ ޒަމާނީ އާބަން ސިޓީއަކަށްވާއިރު، އޭގެ ކާމިޔާބީ ބިނާވެފައިވަނީ ހަމައެކަނި ރީތި އިމާރާތްތަކެއްގެ މައްޗަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެ ތަންތަނުގައި ދިރިއުޅޭ މީހުންނަކީ ޒިންމާދާރު، އެކަކު އަނެކަކަށް އެއްބާރުލުންދޭ ބަޔަކަށް ވުމަކީ ސުލްހަވެރި އަދި ދެމެހެއްޓެނިވި މާހައުލެއް އުފެއްދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ފިރާޤު ވިދާޅުވިއެވެ. އެހެންކަމުން، މީހުން ފްލެޓްތަކަށް ބަދަލުވުމުގެ ކުރިން މިފަދަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަކީ މުސްތަގުބަލުގައި ދިމާވެދާނެ ގިނަ މައްސަލަތަކަކުން ސަލާމަތްވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރާޤު މިހެން ވިދާޅުވެފައިވާއިރު ހިޔާ ފްލެޓްތަކާއި އެހެނިހެން ހައުސިންގ މަޝްރޫޢުތަކާއެކު މިހާރު ހުޅުމާލޭގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހުޅުމާލޭ ފޭސް 2 ފަރުމާކޮށްފައިވަނީ ގާތްގަނޑަކަށް 250،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ޖުމްލަ ގޮތެއްގައި ހުޅުމާލޭގެ އާބާދީ މިހާރު 100،000 އަށްވުރެ ގިނަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ފޭސް 2 ގެ ހައުސިންގ ޔުނިޓްތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލޭގެ ޖުމްލަ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު