މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ހޯއްދެވި އާދަމް އާޒިމަށް ލިބުނު ކާމިޔާބަކީ އާޒިމްގެ ހިދުމަތް އެމްޑީޕީގެ މެންބަރުން ބަލައިގަތްކަމުގެ ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ޕްރައިމަރީގައި މޭޔަރު އާޒިމް ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެެ. އިންތިހާބުގައި އާދަމް އާޒިމް ވަނީ 1411 ވޯޓު ހޯއްދަވައިފަ އެވެ. އެއީ 57.9 ޕަސެންޓު ވޯޓެވެ. އޭނާ އާއި ވާދަކުރެއްވި އަލީ އާޒިމްއަށް ލިިބިވަޑައިގަތީ 962 ވޯޓެވެ. އެއީ 39.5 ޕަސެންޓު ވޯޓެވެ.

އާޒިމަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޒިމް ހޯއްދެވި ކާމިޔާބީއަކީ އޭނާ މާލޭ މޭޔަރު ކަމުގައި ހުންނަވައިގެން މިހާރުވެސް މާލޭގެ ރައްޔިތުންނަށް ކޮށްދެއްވާ ހިދުމަތްތައް އެމްޑީޕީގެ މެންބަރުން ބަލައިގަތް ކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ޕްރައިމަރީ ކެމްޕެއިން ތެރޭގައި ވަރަށް ގިނަ މާލޭގެ މެންބަރުންނާ ބައްދަލުކުރެވުނު ކަމަށާއި އަދި އެމީހުންގެ އިހުސާސްތަކާ އެމީހުންއެދޭ ގޮތްތައް ވެސް އެމަނިކުފާނު އަޑު އައްސަވާފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވަނީ އަލުން މޭޔަރު ކަމަށް ހޮވިއްޖެނަމަ އެ އިހުސާސްތަކާ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރެއްވުމަށް އާޒިމްގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު