ހިޔާ ފްލެޓް
ހިޔާ ފްލެޓް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދެ އަހަރު ނިމި ތިން ވަނަ އަހަރަށް ފެށިގެން ދިޔައިރު، ބޯހިޔާވަހިކަމުގެ އެއްވެސް އަމަލީ މަސައްކަތެއް ބިންމަތިން ފެންނަން ނެތް ނަމަވެސް، ކައުންސިލް އިންތިޚާބާ ދިމާކޮށް "ބޯހިޔާވަހިކަން އެންމެންނަށް" ނަމުގައި އާ ސްކީމެއް ވަނީ އިޢުލާނު ކުރަށްވާފައެވެ.

ޒަމާނީ "ހިޔާވަހި ޕޯޓަލް"ގެ ނަމުގައި ފޯމު ހުށަހެޅުމަށް ސަރުކާރުން ހުޅުވާލާފައިވާއިރު، މިއީ އެއްވެސް އިޚުލާޞްތެރިކަމެއް ނެތި، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ހިންގާ ސިޔާސީ ސްޓަންޓެއްގެ ގޮތުގައި ސިޔާސީ ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ވަކި ކެޓަގަރީތަކަކަށް ބަހާލައިގެން 15،000 ގޯއްޗާއި 7.900 ފްލެޓް ދޫކުރާނެ ކަމަށް ބުނާއިރު، އެ ބުނާ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނީ ކޮންތާކުން ކަމެއް ސަރުކާރަކަށް ސާފުކޮށް ބުނެދީފައެއް ނުވެއެވެ.

މި ސަރުކާރުގެ އިސްވެރިންނަކީ ކުރީގެ ސަރުކާރުން ބޯހިޔާވަހިކަން ދިނުމުން އެއީ "ކަނޑުއަޑިން" ދިން ގޯތިތަކެއް ކަމަށް ބުނެ އިންތިހާއަށް ފާޑުކިޔަމުން ދިޔަ ބައެކެވެ. ނަމަވެސް މިއަދު ފެންނަނީ އަމިއްލައަށް އެ ބުނާ "ކަނޑުއަޑީގެ" ވަޅުގަނޑަށް ވެއްޓިފައިވާ މަންޒަރެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އެކި ރަށްރަށުގައި އެތައް ސަތޭކަ ފްލެޓެއް އަޅާނެ ކަމަށް ބުނެ އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވީނަމަވެސް، މިއަދާ ހަމައަށް އެންމެ އިންޗިއެއް ވެސް ބިމުން މައްޗަށް އުފުލިފައެއް ނެތެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ތާރީޚީ އަދަދެއް ކަނޑައެޅި ކަމަށް ބުނި ނަމަވެސް، އެ ބަޖެޓަށް ވީގޮތެއް އަދި އެ ފައިސާއިން ކުރި ކަމެއް ރައްޔިތުންނަށް ފެންނާކަށް ނެތެވެ.

އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީ ސަރުކާރުން ނިންމުމާ ގާތްވެފައިވާ 4،000 ފްލެޓްގެ ހައްގުވެރިންނަށް ވީނުވީއެއް ނޭނގި، ދެ އަހަރު ދުވަސް ވަންދެން އެ މަސައްކަތް ހުއްޓުވާފައި ބޭއްވުމެވެ. ނިމިފައި ހުރި ތަންތަނަށް މީހުންނަށް ވަދެވޭނެ މަގު ފަހިކޮށްނުދެވުނު ސަރުކާރަކަށް، ސުމަކުން ފަށައިގެން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރާނެ ކަމެއް ނޫނެވެ. މާލޭގެ ހަނި ގޯޅިތަކުގައި އުޅޭ މީހުންނަށާއި ޓެކްސީ ޑްރައިވަރުން ފަދަ އެކި ދާއިރާތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ބުނެ އުއްމީދުތައް އާކުރަނީ، ހަމައެކަނި އިންތިޚާބަށް ވޯޓު ހޯދުމުގެ ބޭނުމުގައެވެ.

ހަގީގަތަކީ، މި ސަރުކާރުން މިހާރު ހުޅުވާލާފައިވާ ސްކީމަކީވެސް "ސިއްރު ޑީލުތަކެއްގެ" ދަށުން ބިން ހިއްކާނެ ކަމަށް ބުނާ އަދި ވުޖޫދުގައި ނެތް ތަންތަން ކަމެވެ. އަސާސީ ވަސީލަތްތަކާއި މަގުތަކެއް ނެތް ތަނަކުން ފްލެޓާއި ގޯތި ދޫކުރުމަކީ ރައްޔިތުން އިތުރަށް ބިކަކޮށް، މާޔޫސްކުރުމެވެ.

މިހާރު ފަސް އެނބުރި ބަލާލާއިރު ފެންނަނީ، މި ސަރުކާރަށް ވުރެ ކުރީ ސަރުކާރުން މާ ސީރިއަސްކޮށް އަދި އިޚުލާޞްތެރިކަމާއެކު ބޯހިޔާވަހިކަމުގެ އަމަލީ މަސައްކަތްތައް ހިންގާފައިވާ ކަމެވެ. ރައްޔިތުންނަށް މިއަދު ފެންނަނީ ހަމައެކަނި "ހިޔާވަހި ޕޯޓަލް"ގެ ސްކްރީން ނަމަވެސް، ހަގީގީ ބޯހިޔާވަހިކަމަކީ އަދިވެސް އަތްނުފޯރާ ފަށުގައި އޮތް ހުވަފެނެކެވެ.



ކިޔުންތެރިންގެ ހިޔާލު