ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ)
ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ)
މީހެއްގެ އެކައުންޓް ހެކްކޮށް ތިރީސްހާސް ރުފިޔާ ފޭރުނު މީހެއްގެ ބަންދަށް އިތުރު 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ބުނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން 2025 ޑިސެންބަރު 29 ވަނަ ދުވަހު ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ، 2025 ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި މީހަކަށް ގުޅައި އޭނާއަށް އޯޓީޕީ ފޮނުވަން ބުނުމުން އޯޓީޕީ ފޮނުވި ފަހުން އެމީހާގެ ބޭންކު އެކައުންޓުން ފައިސާ ކެނޑިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެންނެވެ.

އޭނާ ވަނީ 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައި ކަމަށް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

ހަމައެއާއެކު ފުލުހުން ބުނީ ނަދީފް ވަނީ 4900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ފައިސާތައްވެސް ނަގާފައި ކަމަށާއި، އޭނާއަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއެމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއް ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓަން ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު