މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ
މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ
ސަރުކާރުން އަލުން ގޯއްޗާއި ފުލެޓަށް ކުރިމަތިލުމަށް ހުޅުވާލުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދައްކާ "ދަޅައެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ 7،900 ފުލެޓަށާއި 1،250 އަކަފޫޓުގެ 15،000 ގޯއްޗަށް އެދި ކުރިމަތިލާން މިދިޔަ ޖަނަވަރީ 18 ވަނަ ދުވަހު ހުޅުވާލާފައެވެ. މީގެ ކުރިން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގަައި 4000 ފުލެޓަށް ހުޅުވާލުމުން އެކަމަށް އެދި 13000 އަށް ވުރެ ގިނަ މީހުން ވަނީ ހުށައަޅާފައެވެެ.

މި ސަރުކާރުން އަލުން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލާފައިވާތީ އެކަމަށް އިޝާރަތް ކުރަށްވައި ރާއްޖެޓީވީގައި ރޭ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަހުމަދު ދީދީ ވިދާޅުވީ، މި ސަރުކާރުން އަމަލުކުރަމުންދަނީ ކަމާގުޅޭ ސްޓޭކް ހޯލްޑަރުންނާ ނުވަތަ އޭގެ އަސަރުކުރާނެ ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި، ހިތުހުރި ގޮތަކަށް އުސޫލުތަކާއި ގާނޫނުތައް ބަދަލުކުރަމުން ކަމަށެވެ.

އަހުމަދު ދީދީ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ވަރަށް ދެފުށް ފެންނަ އުސޫލަކުން ކަމަށެވެ. އެގޮތުން އޭރު 4،000 ފުލެޓަށް 13،000 މީހުން ކުރިމަތިލުމުން، ޝަރުތުހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށް އިތުރު 6،500 ފުލެޓް އެޅުމުގެ މަސައްކަތްވެސް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކުރިން ޝަރުތުހަމަވެ، ލިޔުން ލިބިފައި ތިބި މީހުންގެ އުއްމީދުތައް ފުނޑުފުނޑުކޮށްލާފައި ކަމަށް އަޙްމަދު ދީދީ ވިދާޅުވިއެެވެ.

"މިއަދު ވެގެން މިދިޔަ ގޮތަކީ އެ ގެންގުޅުނު ނިޒާމުން [ކުރީގެ ލިސްޓުތައް] ޑިލީޓް ވެއްޖެ. މިއީ ސަރުކާރުގެ ކޮންޓިނިއުޓީއަށް ބަލާ ބައެއް ނޫން. ރައްޔިތުންނަށް ކުރާނެ އަސަރަކަށްވެސް ބަލާ ބައެއް ނޫން،" އަހުމަދު ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދު ދީދީ ވިދާޅުވީ، އަލުން ފޯމު ހުށަހަޅަން ޖެހުމަކީ ކުރިން ޝަރުތުހަމަވެފައި ތިބި މީހުންނަށް ލިބުނު ވަރަށް ބޮޑު ނާއުއްމީދެއް ކަމަށެވެ. އަދި މިކަމުގެ ސުންގަޑި އޭޕްރީލް 13 އަށް ކަނޑައަޅާފައިވާއިރު، އޭޕްރީލް 4 ގައި ލޯކަލް ކައުންސިލް އިންތިޚާބު އޮތުމަކީ ސީދާ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްކަން ދޭހަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

" ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް މިކަން މިކުރަނީ ސިޔާސީ މަގުސަދެއްގައި ވަކި ބަޔަކަށް ކަންތައްތަކެއް ކޮށްދޭން. ވުޖޫދުގައި ނެތް ތަންތަނުން ގޯއްޗާއި ފުލެޓް ދޭ ވާހަކަ ދައްކާއިރު، އަޅާ ނިމިފައި ހުރި 4،000 ފުލެޓްވެސް މި ސަރުކާރަށް މިވީ ތިން އަހަރު ތެރޭ ބަހައެއް ނުލެވުނު،" އަހުމަދު ދީދީ ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީވެސް ރައްޔިތުންގެ މަންފާއަށްވުރެ ބޮޑަށް، ސަރުކާރުގެ ސިޔާސީ އެޖެންޑާ ކުރިއަށް ގެންދަން ކުރާ ކަންކަން ކަމަށެވެ. އަދި ރައްޔިތުން މިފަދަ "ސްކޭމް" ތަކުގައި ޖެހޭވަރަށްވުރެ މިހާރު ހޭލުންތެރިވާނެ ކަމަށްވެސް އަހުމަދު ދީދީ ވިދާޅުވިއެވެ.

މެމްބަރު ދީދީ މިހެން ވިދާޅުވެފައިވާއިރު ނިމިދިޔަ ރައީސް ސާލިޙްގެ ސަރުކާރުގައި ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައި މާލެއިން ހިލޭ ބިންތަށް ދޫކޮށްފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގަައި ކަން ފާހަގަކުރެވެއެވެެ. އެއީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރިކަމެއް ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަށް އަދި މިހާރު ސަރުކާާރުގައި ތިބި ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑު ވެސް ކިޔާފައެވެ.

ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން މިހާތަނަށް 518 މީހަކު ވަނީ ކުރިމަތިލާފައެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެެ



ކިޔުންތެރިންގެ ހިޔާލު