ސަރުކާރު ކުންފުނިތަކުގެ ބައެއްވެރިން
ސަރުކާރު ކުންފުނިތަކުގެ ބައެއްވެރިން
ސަރުކާރު ހިއްސާވާ ކުންފުނިތައް ފުޅާވުމުގެ ސަބަބުން ދިވެހި އިގްތިސާދަށާއި، މާލީ ހަމަޖެހުމަށާއި އަދި މަދަނީ މިނިވަންކަމަށް ހުރަސްއެޅެމުންދާ ގޮތް

މިއަދު ދިވެހި އިގްތިސާދު އޮތީ އޮނިގަނޑުގައި ބަލިކަށިކަމެއްގެ ތެރޭގައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ގައުމު ހިންގަމުން ދަނީ މާލީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މީގެ ތެރޭގައި ދައުލަތުގެ ދަރަނި އިތުރުވުމާއި، ބޭރުގެ ނުރައްކާތަކަށް ގައުމު ހުށަހެޅިފައިވާ މިންވަރު އިތުރުވުން ހިމެނެއެވެ. މި ނުރައްކާތަކަކީ 2024 ވަނަ އަހަރު އައި.އެމް.އެފް އިން ނެރުނު "އާޓިކަލް IV ކޮންސަލްޓޭޝަން ފޯ ދަ މޯލްޑިވްސް" ގެ "ކަންޓްރީ އިކޮނޮމިކް އަޕްޑޭޓް" އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ތަކުރާރުކޮށް ފާހަގަކޮށްފައިވާ ކަންކަމެވެ.

މިފަދަ ނާޒުކު އިގްތިސާދީ މާހައުލެއްގައި ވަޒީފާ ދޭ ފަރާތެއްގެ ގޮތުން ދައުލަތުގެ ދައުރު ފުޅާވުމަކީ، އަދި ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) މެދުވެރިކޮށް މިކަން ކުރުމަކީ، އިގްތިސާދީ އަދި ޑިމޮކްރެޓިކް ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދޭ ކަމެކެވެ. މި ލިޔުމުގައި ބަލާލާނީ، ރާއްޖޭގެ އެސްއޯއީ ތަކަކީ ވިޔަފާރީގެ އުސޫލުން ހިންގާ ނަފާވެރި ތަންތަނަށް ވުމުގެ ބަދަލުގައި ސިޔާސީ ވަޒީފާ ދޭ ވަސީލަތްތަކަކަށް ބަދަލުވެފައިވާ މިންވަރަށާއި، އަދި މިކަމުގެ ސަބަބުން އިގްތިސާދީ ގޮތުންނާއި، މާލީ ގޮތުންނާއި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވާ ނުރައްކާ ތަކަށެވެ. ހަމައެއާއެކު އިގްތިސާދީ ތިއަރީތަކާއި ބައިނަލްއަގުވާމީ ތަޖުރިބާތަކަށް ރިޔާއަތްކޮށް ސަރުކާރުތަކަކީ ވަޒީފާގެ ބާޒާރުގެ ބައެއްގެ ބަދަލުގައި، ވަޒީފާގެ ބާޒާރުތައް އުފައްދައިދޭ ފަރާތަކަށް ވާންޖެހޭނެ ކަމަށް އަލިއަޅުވާލާފައިވާނެއެވެ. އަދި ސިޔާސީ ބޭނުމަށް ވަޒީފާ ދިނުމުން އިގްތިސާދީ ގާބިލުކަމާއި މަދަނީ މިނިވަންކަމަށް އޮތް ހުރަސްތަކަށްވެސް ބަލާލާފައިވާނެއެވެ.

ރާއްޖޭގެ އެސްއޯއީ ތަކުގެ މިންވަރާއި އިގްތިސާދީ ބަރުދަން

ދިވެހިރާއްޖޭގެ ޕްރައިވެޓައިޒޭޝަނާއި "ކޯޕަރަޓައިޒޭޝަން" ބޯޑު (ޕީސީބީ) އިން، 28 ސެޕްޓެމްބަރު 2025 ގައި ޝާއިއުކުރި 2024 ވަނަ އަހަރުގެ މާލީ މުރާޖައާގައިވާ ގޮތުން، ރާއްޖޭގައި ސަރުކާރު ހިއްސާވާ މައިގަނޑު 30އާއި 38 އާ ދެމެދުގެ އަދަދަކަށް ކުންފުނި އުފައްދާފައިވެއެވެ. މި ކުންފުނިތަކުގެ މުދަލުގެ އަގު ޖުމްލަ (އެސެޓްސް) 201 ބިލިއަން ރުފިޔާއަށް އަރާއިރު، ދަރަނި (ލައިބިލިޓީސް) 160 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ހުރިކަމީ، ދައުލަތަށް އޮތް މާލީ ނުރައްކާ ހާމަކޮށްދޭ ކަމެކެވެ.

ހަމަ މި ރިޕޯޓުން ދައްކާ ގޮތުގައި ގިނަ ކުންފުނިތަކެއް ހިންގަމުންދަނީ ދާއިމީ ގެއްލުމުގައެވެ. ނަފާ ލިބެނީ މަދު ކުންފުނިތަކަކުން ކަމަށްވާއިރު އެއީ ވެސް ގިނަ ފަހަރަށް ވާދަވެރިކަމެއް ނެތް ނުވަތަ ދައުލަތުގެ ހިމާޔަތް ލިބިފައިވާ ދާއިރާގެ ތެރޭގައި ހަރަކާތްތެރިވާ ކުންފުނިތަކެވެ. ގެއްލުމުގައި ހިންގާ ކުންފުނިތައް ބަރޯސާވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ނުވަތަ ސަރުކާރުގެ ގެރެންޓީއަށެވެ.

މީގެ އިތުރުން ފާހަގަކުރަންޖެހޭ ކަމަކީ "ރަސްމީކޮށް" މި ބުނާ އަދަދަކީ، ހަމައެކަނި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ކުންފުނީގެ ގޮތުގައި ގިންތިކުރެވޭ ތަންތަން ކަމެވެ. މި ކުންފުނިތަކުގެ ދަށުން ހިންގާ ސަބްސިޑިއަރީ ކުންފުނިތަކާއި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ހަދާފައިވާ ޚާއްސަ ކުންފުނިތަކާއި، އަދި ދައުލަތުގެ ހިއްސާ އޮންނަ އެހެން ކުންފުނިތައް ހިމެނުމުން، ސަރުކާރުގެ ވިޔަފާރީގެ ނުފޫޒު މިއަށްވުރެ މާ ބޮޑެވެ. މި ތަންތަނަކީ، ރަސްމީ އެސްއޯއީ ދަފުތަރުގައި ނެތް ތަންތަން ކަމުގައި ވިޔަސް، މިއީ އާންމު ރައްޔިތުންގެ ފައިސާއާއި ދައުލަތުގެ ބާރުގެ ދަށުން ހިންގާ، ވަޒީފާއާއި މާކެޓަށް ބޮޑު ނުފޫޒެއް ފޯރުވާ ތަންތަނެވެ.

އެސްއޯއީ ތަކާއި ވަޒީފާއާއި އަދި ސިޔާސީ ބަރޯސާވުން

ޕީސީބީގެ ރިޕޯޓުގައިވާ ގޮތުން: އެސްއޯއީ ތަކުގައި ގާތްގަނޑަކަށް 39,000 މުވައްޒަފުން މަސައްކަތް ކުރެއެވެ. މިއީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ވަޒީފާގެ ބާޒާރުގެ ބޮޑު އިންސައްތައެކެވެ. އަމިއްލަ ދާއިރާގެ ފުރުސަތުތައް މަދުވެފައިވާ މާހައުލެއްގައި ކުންފުނިތަކުގެ ވަޒީފާއަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑު ބަރުދަނެއް އޮތް ކަމެކެވެ.

ނަމަވެސް، މި ކުންފުނިތަކުން ވަޒީފާ ދިނުން މިހާރު ބަދަލުވެފައިވަނީ ސިވިލް ސާވިސްގައި އޮންނަ ފަދަ ރައްކާތެރިކަމެއް ނުލިބޭ، ސިޔާސީ ގޮތުން ދެވޭ ވަޒީފާތަކަށެވެ. ވަޒީފާއަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގައި ސިޔާސީ ނުފޫޒު އޮންނާތީ، މީހުންގެ ދިރިއުޅުން ސިޔާސީ ފިކުރާ ގުޅިފައި އޮންނަ މިންވަރު ބޮޑުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިގްތިސާދީ ގޮތުން ދިރިއުޅުން ބިނާވެފައި އޮންނަނީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ތާއީދު ކުރުމުގެ މައްޗަށެވެ.

1974ގައި ނޯބަލް ޕްރައިޒް ހޯއްދަވާފައިވާ އިކޮނޮމިކްސްޓެއް ކަމުގައިވާ ފްރެޑްރިކް ހަޔެކް ލިޔުއްވާފައިވާ ފަދައިން، "އިގްތިސާދީ ކޮންޓްރޯލަކީ ހަމައެކަނި ދިރިއުޅުމުގެ އެއް ދާއިރާގެ ކޮންޓްރޯލެއް ނޫނެވެ؛ އެއީ އިންސާނާގެ ހުރިހާ މަޤްޞަދުތަކެއް ހާސިލު ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ކޮންޓްރޯލެވެ." ވަޒީފާއަކީ ސިޔާސީ ހަދިޔާއަކަށް ވުމުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލި އިދިކޮޅު ހިޔާލަކީ ވަޒީފާއަށް އޮތް ނުރައްކަލަކަށް ވެގެންދެއެވެ.

މާލީ ނުތަނަވަސްކަމާއި ސިޔާސީ ވަޒީފާގެ ނާކާމިޔާބީ

ދިވެހިރާއްޖޭގެ ދައުލަތުގެ ދަރަނި ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެސްއޯއީތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ވަޒީފާ އިތުރުކުރުމަކީ އިގްތިސާދީ ގޮތުން ލިބޭ ބޮޑު ގެއްލުމެކެވެ. ވޯލްޑް ބޭންކުން ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ދަރަނި ވަނީ ޖީ.ޑީ.ޕީގެ 120 އިންސައްތައަށް ވުރެ މަތިވެފައެވެ، އަދި އެމް.އެމް.އޭ އިން ބުނާ ގޮތުގައި ބޭރުގެ ފައިސާގެ ރިޒާވާއި، ދަރަނި ދެއްކުމުގެ ގާބިލުކަމަށް މިފަދަ ކުންފުނިތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

އިގްތިސާދީ ތިއަރީތައް ބުނާ ގޮތުން އުފެއްދުންތެރިކަން ނެތް ދާއިރާތަކަށް، ސަރުކާރުން ވަޒީފާ އިތުރުކުރުމުން ލިބޭ ނަތީޖާ ވަރަށް ދަށެވެ. "ކެންޒީނިއަން" އިކޮނޮމިކްސް ތިއަރީ ދުނިޔެއަށް ތައާރަފްކުރި ޖޯން މޭނާޑް ކޭންސް ވިދާޅުވެފައިވާ ފަދައިން، ސަރުކާރުގެ ހަރަދުތަކުގެ ބޭނުމަކީ ހަމައެކަނި ވަޒީފާ އުފެއްދުމެއް ނޫނެވެ، އެއީ ވަޒީފާގެ ފުރުސަތުތައް އަމިއްލައަށް ކުރިއަރާނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމެވެ.

ރާއްޖޭގެ ހާލަތަށް ބަލާއިރު، ގެއްލުމުގައި ހިނގާ ކުންފުނިތަކަށް ކުރާ ހަރަދަކީ، ތައުލީމާއި ސިއްހަތާއި، އަދި އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ފައިސާ، އެދާއިރާތަކުން އުނިކޮށްގެން ކުރާ ހަރަދުތަކެކެވެ.

ސަރުކާރުން މާކެޓްތައް އުފައްދަންޖެހޭ ސަބަބު

މިއަދުގެ އިގްތިސާދީ ޢިލްމުވެރިން އެއްބަސްވާ ގޮތުގައި، ސަރުކާރުގެ ދައުރަކީ ވިޔަފާރި ކުރުމެއް ނޫނެވެ، އެއީ ވިޔަފާރިކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. ވޯލްޑް ބޭންކުގެ 2023 ވަނަ އަހަރުގެ ރިޕޯޓުގައި ވެސް ވަނީ ރާއްޖޭގެ އެސްއޯއީތައް މެދުވެރިކޮށް ސިޔާސީ ބޭނުންތައް ހާސިލުކުރުމާ ދެކޮޅަށް، އިންޒާރު ދީފައެވެ.

މޮރިޝަސް އާއި ވިއެޓްނާމް ފަދަ ގައުމުތަކުން ވަނީ ވަޒީފާގެ މާކެޓް މިނިވަންކޮށް، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ދީގެން ވަޒީފާގެ ފުރުސަތުތައް އުފައްދާފައެވެ. މިއާ ހިލާފަށް ދައުލަތުގެ ވަޒީފާއަށް މާބޮޑަށް ބަރޯސާވި ގައުމުތަކަށް ކުރިމަތިވީ އުފެއްދުންތެރިކަން ދަށްވުމާއި މާލީ ދަތިކަމެވެ.

އެސްއޯއީތައް މާބޮޑަށް ފުޅާވުމުން، ހުނަރުވެރި މަސައްކަތްތެރިން އަމިއްލަ ވިޔަފާރިތަކާ ދުރަށް ޖެހި، ކުންފުނިތަކުގެ ވަޒީފާތަކަށް ދެއެވެ. މީގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން ދަތިވެ، ވިޔަފާރީގެ ހަރަދުތައް ބޮޑުވެއެވެ. މިއީ އިގްތިސާދީ އައު އީޖާދުތަކަށް (innovation) އޮތް ހުރަހެކެވެ.

ސަރުކާރު ކުންފުނިތަކުގެ ވަޒީފާއަކީ ދާއިމީ ނުވަތަ ރައްކާތެރި ވަޒީފާތަކެއް ނޫނެވެ. ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވުމާއެކު ނުވަތަ މެނޭޖްމަންޓް ބަދަލުވުމާއެކު ވަޒީފާތަކަށް ލޮޅުން އަރައެވެ. މީގެ ސަބަބުން މުވައްޒަފުންނަށް މަސައްކަތުގެ ހުނަރު ކުރިއެރުވުމުގެ ބަދަލުގައި އިސްކަންދޭން ޖެހެނީ "ސިޔާސީ ގޮތުން ސަލާމަތްވެ" ތިބުމަށެވެ.

މިގޮތް ބަދަލުކުރުން

ރާއްޖޭގައި ސިޔާސީ ބޭނުމަށް އެސްއޯއީ ތަކުގެ ތެރެއިން ވަޒީފާ ދިނުމަކީ، އިގްތިސާދީ އަދި ޑިމޮކްރެޓިކް ގޮތުން އޮތް ބޮޑު ނުރައްކަލެކެވެ. ރަސްމީކޮށް 30 ހަކަށް ކުންފުނި އޮތް ނަމަވެސް މުޅި ނިޒާމަށް ބަލާއިރު ދައުލަތުގެ ނުފޫޒު އޮތީ، މިއަށްވުރެ މާ ފުޅާކޮށެވެ. މިއީ 200 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެސެޓްސް ހުރި، އަދި 39,000 މުވައްޒަފުން ތިބި ނިޒާމެކެވެ.

ގައުމުގެ ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ގޮތަކަށް އަމަލުކުރުމުން އުފެއްދުންތެރި އިންވެސްޓްމަންޓްތަކަށް ހުރަސް އެޅި، އަމިއްލަ ވިޔަފާރި ދާއިރާ ބަލިކަށިވެ، އަދި ރައްޔިތުންގެ ދިރިއުޅުން ސިޔާސީ ނުފޫޒުގެ ދަށަށް ދެއެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް އިކޮނޮމިސްޓްކަމުގައިވާ މިލްޓަން ފްރީޑްމަން ވިދާޅުވެފައިވާ ފަދައިން "ރައްޔިތުން ބޭނުންވާ ހުރިހާ އެއްޗެއް ދޭ ފަދަ ބޮޑު ސަރުކާރަކީ، ރައްޔިތުންގެ އަތުގައި ހުރި ހުރިހާ އެއްޗެއް އަތުލުމުގެ ބާރުވެސް އޮންނާނެ ސަރުކާރެކެވެ."

ސަރުކާރުތަކަކީ ވަޒީފާގެ ބާޒާރަކަށް ވެގެން ނުވާނެއެވެ. ސަރުކާރުގެ ދައުރަކީ ރައްޔިތުންނަށް އަމިއްލައަށް މަސައްކަތްކޮށް ކުރިއެރުން ހޯދޭނެ ފަދަ ގާނޫނީ އަދި އިގްތިސާދީ މާހައުލެއް އުފައްދައިދިނުމެވެ. ރާއްޖޭގެ އިގްތިސާދީ އަދި ޑިމޮކްރެޓިކް ހަމަޖެހުމަށްޓަކައި މި ބަދަލު ގެނައުމަކީ، މިއަދު ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ. ރައްޔިތުން މިކަމަށް، އެކި ގޮތްގޮތުން ނަމަވެސް ބަސްބުނެ ސަރުކާރަށް އަޑުއިއްވަން އެބަ ޖެހެއެވެ. ދިވެހީންގެ ތެރޭގައި ނިކަމެތިކަން އިންތިހާއަށް ބޮޑުވެފައި އޮތްނަމަވެސް ދިވެހީންނަކީ އާޖުފާޖު ނޭގޭ ތަންދޮރު ނުދަންނަ ބައެއްކަމުގައި ސަރުކާރުން ދެކުމަކީ، ރަނގަޅު ވިސްނުމެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު