ރައީސް ޑރ. މުޢިއްޒު
ރައީސް ޑރ. މުޢިއްޒު
ޢަލި ރަސްގެފާނު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ޝަހީދުންގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޢަލި ރަސްގެފާނަކީ ހިތްވަރުގަދަ ޤައުމީ ބަޠަލެއް ކަމަށެވެ. އަދި އަލިރަަސްގެފާނު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ، އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށާއި މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ޤައުމު ދެމިއޮންނާނެ ކަމަށެވެ.

"ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރު. ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާންމަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ." ރައީސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައީސް ވަނީ، ޤައުމަށްޓަކައި ޖިހާދު ކުރަށްވައި ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު ޝުކުރުވެރިކަމާއެކު އާކުރާކަމަށް ވިދާޅުވެފައެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު