އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިންތިޚާބުތަކުގައި ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި، ތަހުޤީޤީ އިދާރާތަކަށް "ގާނޫނީ ގޮތުން" އަތްނުލެވޭނެ ފަދަ އުކުޅުތައް ކެންޑިޑޭޓުން ބޭނުންކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަދައްކަވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި، ތަހުޤީޤީ އިދާރާތަކަށް "ގާނޫނީ ގޮތުން" އަތްނުލެވޭނެ ފަދަ އުކުޅުތައް ކެންޑިޑޭޓުން ބޭނުންކުރަމުންދާ ކަން އެކޮމިޝަނަށް ފާހަގަަކުރެވިފައިވާ ކަމަށެވެ. އޭނާ ވަނީ މިހާރު ހުރި ގާނޫނީ ބާގަނޑުތަކުގެ ސަބަބުން މިފަދަ ކަންކަން ހުއްޓުވުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ފަރާތްތަކަށް ތާއީދުކުރާ މީހުން، އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނަށް ތަހުޤީޤުކޮށްގެން ކުށްވެރި ނުވާނެ ގޮތްތައް ވަރަށް ބޮޑަށް ބަލައި ހޯދަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް، ވޯޓުގެ މުގާބިލުގައި ހަދިޔާ ދިނުމަކީ ކުށަކަށް ވާއިރު، މިހާރު މިކަން ކުރަނީ ގާނޫނީ ގޮތުން ސައްހަ މުއާމަލާތްތަކެއްގެ ސިފައިގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމުގެ މިސާލެއް ދައްކަވަމުން ޙަސަން ވިދާޅުވީ، އާއިލާއެއްގެ ހަ މީހުންގެ ވޯޓު ހޯދުމަށްޓަކައި، އެ ގޭގެ ކޮޓަރިތައް ކެމްޕޭން ޓީމުތައް ތިބުމަށް ކަމަށް ބުނެ ބޮޑު އަގުގައި ކުއްޔަށް ހިފާ ކަމަށެވެ.

"މިސާލަކަށް ހަތަރު ކޮޓަރި، ކޮންމެ ކޮޓަރިއަކަށް ދުވާލަކު 500 ރުފިޔާގެ ރޭޓުން ތިން މަސް ދުވަހަށް ކުއްޔަށް ހިފުމުން ލައްކައެއްހާ ރުފިޔާ އެ އާއިލާއަށް ލިބޭ. މިއީ ގާނޫނީ ގޮތުން ސައްހަ އެގްރީމެންޓެއްގެ ދަށުން ހިންގާ މުއާމަލާތަކަށް ވުމުން، މިއީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ސާބިތުކޮށްދޭން އުނދަގޫވޭ،" ޙަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ޙަސަން ވިދާޅުވީ ކެންޑިޑޭޓުންގެ ފަރާތުން މިފަދަ ކަންކަމުގައި ދައްކާ ހުއްޖަތަކީ، އެއީ އިންތިޚާބާ ގުޅިގެން ކެމްޕޭން މަސައްކަތަށް އަންނަ ޓީމުތައް ބޭތިއްބުމަށް ކުރާ ކަމެއް ކަމަށެވެ. ޙަސަން ޒަކަރިއްޔާ ވިދާޅުވީ މިފަދަ ކަންކަމަކީ ނުކަސިޔާރު ކަންކަންކަން އެންމެންނަށް އެނގުނު ނަމަވެސް، މިހާރު ހުރި ގާނޫނުތަކުގެ ބަލިކަށިކަމުން އެކަންކަން ހުއްޓުވަން ދަތިވާ ކަމަށެވެ.

"މީގެ ވިއްސަކަށް އަހަރު ކުރީގެ ގާނޫނުތަކުން މިހާރު ބޭނުންވާ ފަރުވާއެއް ނުލިބޭ. ޝައްކުވެގެން ތަހުޤީޤީ ނަޒަރަކުން ބަލައި ފިޔަވަޅު އެޅުމަށް އޮތް ގާނޫނީ ބިންގާ ވަރަށް ބަލިކަށި،" އިލެކްޝަން ކޮމިޝަންގެ މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބީ ޝަކުވާތައް ބަލާ ބިއުރޯއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގައި ވެސް އެދެވޭ ނަތީޖާއެއް ނުނިކުންނަނީ މިފަދަ "ބާގަނޑުތައް" ގާނޫނުގައި ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ޒަކަރިއްޔާ އިތުރަށް ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން އެކި ގަވާއިދުތައް ހަދައިގެން ވަކިވަކި ކެންޑިޑޭޓުންނަށް ކެމްޕޭން ނުކުރެވޭނެ ސަރަހައްދުތައް ކަނޑައަޅަމުންދާ ކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މިހާރުގެ ޒަމާނާ ގުޅޭގޮތަށް އިންތިޚާބީ ގާނޫނުތަކަށް ބަދަލުތަކެއް ގެނެސް، ތަހުޤީޤީ ނަޒަރަކުން ބަލައި ފިޔަވަޅު އެޅޭނެ މަގު ފަހިވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ހާމަކޮށްފައިވާއިރު، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް އެ ކޮމިޝަނުން މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިއާއެކު، ސިޔާސީ ޕާޓީތަކުން އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައި، ކެމްޕޭންގެ ޙަރަކާތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު