މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް / ފޮޓޯ: އެމްޑީޕީ
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް / ފޮޓޯ: އެމްޑީޕީ
ސަރުކާރަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދީގެން ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް "ނޫނެކޭ" ބުނުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީގައި ރޭ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި، ވަކިން ހާއްސަކޮށް މާލޭގެ ރައްޔިތުން މި ސަރުކާރަށް "ނޫނެކޭ" ބުނަން ޖެހިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ކަމާއި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދިނީ ބޯހިޔާވަހިކަމާއި އެ ނޫން ކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނުމުން ކަމަށެވެ. ނަމަވެސް، މިއަދު މާލެ ސިޓީ ކައުންސިލްގައި ސަރުކާރު ހިންގާ ޕާޓީގެ ފުލް މެޖޯރިޓީ އޮތްއިރުވެސް، ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މިއަދު މާލެ ސިޓީގަ މިއޮތީ އެބޭފުޅުންގެ ފުލް މެޖޯރިޓީ. އަޅުގަނޑު އެކަނި އެމްޑީޕީ މެމްބަރަކަށް މިއިނީ. އެހެންވީމަ އެބޭފުޅުންނަށް މި ކައުންސިލް ދީގެން ކޮށްދިން ކަމެއް ނެތެއް ނޫންތޯ؟" އާޒިމް ސުވާލު ކުރެއްވިއެވެ.

ކައުންސިލްގެ މަސައްކަތްތައް ހިނގާ ގޮތަށް އަލިއަޅުއްވާލައްވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލް ބައްދަލުވުންތައް ބޭއްވުމަށްޓަކައި ކޯރަމް ހަމަކުރަން ޖެހެނީވެސް "ރޮއި އާދޭސް ކޮށްގެން" ކަމަށެވެ. އަދި ރައްޔިތުންދެކެ ލޯބިނުވާ، ކަންނެތް ބަޔަކަށް ކައުންސިލްގެ ގޮނޑިތައް ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި، ކައުންސިލްތައް ދެނީ އެމީހުންނަށް މުސާރަ ދީފައި ގޭގައި ބައިތިއްބަން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އިންތިހާބުތަކުގައި ސަރުކާރު ބަލިކޮށްގެން ނޫނީ ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ފަސްޖެހޭނެ ކަމަށެވެ. ވޯޓު ދިނުމުގެ ބާރަކީ މުޅި މުސްތަގުބަލް ބިނާވެފައިވާ އެއްޗެއްކަން ފާހަގަކުރައްވައި، ރައްޔިތުން މިކަމަށް ފަރުވާތެރިވުމަށް އާޒިމް އިލްތިމާސްކުރެއްވިއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އާޒިމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑްގެ ދަތި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއާއި އެހެނިހެން ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިން ކަމަށެވެ. އަދި 4،000 ފުލެޓް ނިންމައި، ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކުގެ ބޮޑުބައި ނިންމާފައިވަނީ އެމްޑީޕީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ ގޮތުން، ރައްޔިތުން ސަރުކާރަށް "ނޫނެކޭ" ބުނެގެން ނޫން ގޮތަކަށް އެއްވެސް ކަމެއް ލިބެން ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން ރަސްމީކޮށް މިހާރު ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮަޅު ޕާޓީތަކުން މިހާރު ވަނީ ފަށާފައެެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ބުނަމުން އަންނަނީ އިދިކޮޅު މެޖޯރިޓީ އޮތް ކައުންސިލްތަކުން ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކަށް ހުރަސް އަޅަމުންދާ ކަމަށާއި ތަރައްޤީޤެ މަޝްރޫޢު ތަށް ބާރު ސްޕީޑްގައި ގެންގޮސް ނިއްމަން ކައުންސިލްތަކަށް ސަރުކާރު ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު