އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
މަޖިލީހުގެ ސުޕަރމެޖޯރިޓީ ސަރުކާރަށް ދީގެން ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ޕީއެންސީއަށް ކަންކަން ހާސިލު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކެންޕެއިން ކޮމެޓީގެ މެންބަރު ޙުސައިން ޢަމްރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. އަމްރު ވިދާޅުވީ، މި ސަރުކާރު އިންތިޚާބުވުމާއެކު އެންމެ ބާރަށް އިވުނު އަޑަކީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ވާހަކަ ކަމަށެވެ.

"މިސަރުކާރު އިންތިޚާބުވުމާއި އެކުގައި އަޅުގަނޑުމެންނަށް ފުރަތަމަ އިވުނު އަޑަކީ ސަރުކާރަށް މަޖިލިސްދޭށޭ، އޭރުންނޭ ތަކެތީގެ އަގު ކުޑަކުރެވޭނީ. ސަރުކާރަށް މަޖިލިސްދޭށޭ، އޭރުންނޭ ޑޮލަރގެ އަގު ކުޑަކުރެވޭނީ. ސަރުކާރަށް މަޖިލިސްދޭށޭ، އޭރުންނޭ ބޯހިޔާވަހިކަމަށް ރަނގަޅު ހައްލެއް ގެނެވޭނީ. އޭރުންނޭ ބޭރުގެ އިންވެސްޓަރުންވެސް ރާއްޖެ ގެނެވޭނީ އަދި އިޤްތިސާދުވެސް ރަނގަޅުކުރެވޭނީ." އަމްރު ވިދާޅުވިއެވެ.

ނަމަވެސް، މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުން ބުނި އެއްވެސް ކަމެއް ހާސިލުވެފައި ނުވާކަން އަމްރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ދައުރުގެ ދެބައިވިއިރު ފެނިގެންދިޔައީ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމަމުންދިޔަ މަންޒަރު ކަމަށެވެ.

"އެހެން ނަމަވެސް މިވީ ދެއަހަރާއި ބައި ތެރޭގައި މި ދަޢުރު ދެބައިވިއިރު އަޅުގަނޑުމެންނަށް މި އިވުނު އަޑަކީ އަދި ފެނުނު މަންޒަރަކީވެސް ސަރުކާރުން ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ އެންމެ މެންބަރަކަށްވެސް އެންމެ ސުވާލެއްވެސް އެކަންކަމާއި ބެހޭގޮތުން ކޮށްނުލެވުނުކަން." އަމްރު ވިދާޅުވިއެވެ.



އަމްރު މިއަދުވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ލިބިފައި އޮތް ނަމަވެސް، ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިސާދީ ދަތިތަކާއި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެވިފައި ނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އަދި މަޖިލިސް މެންބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކަށް ވީނަމަވެސް، މިހާރު ފެންނަނީ ސަރުކާރުގެ ނިންމުންތަކަށް ބަހެއް ނުބުނެ ތިބޭ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ކައުންސިލް އިންތިޚާބުގައި ބޮޑުކޮށް ނޫނެކޭ ބުނަންޖެހޭ ކަމަށް އަމްރު މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު