އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާ
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ، ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ނަންތައް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި އެބައޮތް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާ މިރޭ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ މިރޭ މާލޭގައި އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބުދުލްޣަފޫރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި މީހުންގެ ލިސްޓު އޭނާ ބެއްލެވި ކަމަށެވެ. އަދި އެ ޚިޔާނާތުގެ ލިސްޓުގައި މި ސަރުކާރުގެ ކެންޑިޑޭޓުންގެ ނަންތައް އެބަހުރި ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ތިބޭފުޅުން ބައްލަވާ، މި ބޭފުޅުން ނެރުއްވައިގެން އުޅުއްވާ ކެންޑިޑޭޓުންގެ ނަން އޮންނާނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ލިސްޓުގައި. އަޅުގަނޑު މިބުނީ އޮންނާނޭ. ދިވެހި ރައްޔިތުންގެ ފައިސާއިން އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވި ބޭފުޅުންގެ ތެރޭގައި އެބޭފުޅުންގެ ނަން އޮންނާނެ،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ، މިފަދަ ޚިޔާނާތްތެރިންނަށް ރައްޔިތުން ވޯޓު ނުދޭނެ ކަމަށާއި، ރައްޔިތުން މިހާރު ތިބީ މި "އަނިޔާވެރިކަމުން" ސަލާމަތްވުމަށް ގަދައަޅާ މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވޯޓު ގަތުމަށް ސަރުކާރުން ފައިސާ ބަހާނެ ކަމަށާއި ފައިސާ ބެހިޔަސް ރައްޔިތުން ވޯޓެއް ނުދޭނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ލާމަރުކަޒީ ނިޒާމުގެ "ރަހަމީރުކަން" ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ކައުންސިލްތަކަށް މިހާރު ދޫކުރާ ފައިސާގެ ދެގުނަ އިތުރުކޮށްދެއްވާނެ ކަމަށް އޭނާ ވައުދުވެވަޑައިގަތެވެ.

"ކައުންސިލެއްގެ، ރަށެއްގެ ކައުންސިލެއްގައި ނުވަތަ މާލޭ ސިޓީގެ ނުވަތަ އެހެން ސިޓީއެއްގައި ހުންނާނީ އެ ކައުންސިލްގެ އިމާރާތްތައް، އަމިއްލަ މީހުންގެ ތަންތަން ފިޔަވައި ހުރިހާ ތަނަކީ. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނައުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުގައި ކައުންސިލްތަކުގެ ގޮނޑިތައް އެމްޑީޕީއަށް ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ޣަފޫރު މިހެން ވިދާޅުވެފަައިވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ ފަހުގެ ތާރިޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތެވެ.

މިހާތަނަށްވެސް އެ ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން މާ ބޮޑު މަސައްކަތެއް ކުރެވިފައެެއް ނުވެއެވެ. އޭސީސީން އެމްއެމްޕީއާރުސީގެ މައްސަލަ ތަހްގީގުކޮށް 2019 ވަނަ އަހަރު ރިޕޯޓުގައިވާ ގޮތުން، ޚިޔާނާތުގެ ސަބަބުން 1.4 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެއެވެ. އެމްއެމްޕީއާރުސީން ދޫކުރި 57 ރަށާއި ފަޅުތަކަށް ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބުނީ 12 މިލިއަން ޑޮލަރު ކަމަށް އެ ރިޕޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު