ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަކީ ރާއްޖޭގައި ޑޮލަރު ނެތިގެން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި، އެއީ މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ބޮޑު އަނިޔާއެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މިއަދު ރާއްޖޭގެ ބާޒާރުގައި ޑޮލަރެއްގެ އަގު 20.25 ރުފިޔާއަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. ޣަފޫރު ވިދާޅުވީ މިދިޔަ އަހަރާއި އެއްވަރަށް ރާއްޖޭގެ މާލިއްޔަތަށް ބޭރު ފައިސާ ވަތް އެހެން އަހަރެއް ނެތް ކަމަށެވެ. ނަމަވެސް ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން ޖެހުނީ ސަރުކާރުގެ ނުބައި ސިޔާސަތުތަކުގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ބޭންކް އޮފް މޯލްޑިވްސްގައި ހުރި ރައްޔިތުންގެ ޑޮލަރާއި ސަރުކާރުގެ ޑޮލަރާއި މާރުކޮށްގެން ލިބޭ ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ރާއްޖޭން ބޭރު ކުންފުނިތަކަށް ދީ އެ ފައިސާ އެވަނީ ރާއްޖޭން ބޭރުކޮށްފައި. އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް ލިބެމުންދާ ޑޮލަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކަމުން އެ ފައިސާ އެދަނީ ރާއްޖޭން ބޭރުވަމުން،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ މިކަމާ ގުޅޭ ހިސާބުތައް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ. އަދި އޭނާ ވަނީ ސަރުކާރުގެ ބޭފުޅުންނަށް އެ ހިސާބުތަކަށް ޗެލެންޖް ކުރަން ވަޑައިގަތުމަށް ގޮވާލައްވާފައެވެ.

މި ސަރުކާރުން ރައްޔިތުންގެ ލާބައަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި، ވެރިކަމަށް އައިއިރު "ނާށިގަނޑު ހިފައިގެން" އައި މީހުން މިއަދު މުއްސަނދިވެގެން ރައްޔިތުންނަށް ފައިސާ ބަހަމުން ދަނީ ލަދުގަންނަން ޖެހޭ ފަދަ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފައިސާ ބެހިޔަސް ރައްޔިތުން މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓެއް ނުދޭނެ. ރައްޔިތުންނަށް އެނގޭ އެއީ ރައްޔިތުންގެ ފައިސާކަން. މި ސަރުކާރު އައިފަހުން ރައްޔިތުންނަށް ލިބުނީ ހަމައެކަނި ދުއްތުރާއާއި އަނިޔާއާއި ވޭން،" ޣަފޫރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު