ކުއްޖަކު ޓީވީ ބަލަނީ-
ކުއްޖަކު ޓީވީ ބަލަނީ-
މިއަދުގެ ދުނިޔޭގައި ޓެކްނޮލޮޖީއަކީ ދިރިއުޅުމުގެ މުހިންމު ބަޔަކަށް ވެފައިވާއިރު، ކުޑަކުދިންގެ އަތަށް ފޯނާއި، ޓެބްލެޓް އެކުދިން ވަރަށް ތުއްތުއިރުން ފެށިގެން ގިނަ ބެލެނިވެރިން ދެއެވެ. މީގެ ސަބަބުން ކުދިން ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ގިނަ ބެލެނިވެރިންނަށް ހީވެފައި އޮންނަނީ ސްކްރީން ގިނައިން ބަލައިގެން ދިމާވާނީ ހަމައެކަނި ލޮލުގެ މައްސަލަތަކެއް ނުވަތަ ނަފްސާނީ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ހިތުގެ ދުޅަހެޔޮކަމާވެސް ސީދާ ގުޅުންހުރި ކަމެކެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަން (އޭއެޗްއޭ) އިން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު އިތުރުވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ. ސްކްރީން ބަލަން ގިނަ ވަގުތު އިށީނދެގެން ނުވަތަ އޮށޯވެގެން އޮތުމަކީ "ސެޑެންޓްރީ ބިހޭވިއަރ" ނުވަތަ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމަށް ނޭދޭވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. މީގެ ސަބަބުން ކުއްޖާގެ ބަރުދަން އިތުރުވެ، ކުއްޖާ އަށް އޮބޭސިޓީ ނުވަތަ ފަލަބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށްވެސް ދިރާސާވެރިން ބުނެއެވެ.

ހިތުގެ މައްސަލަތަކަށް މަގުފަހިވާ އަނެއް ސަބަބަކީ ސްކްރީން ބަލާ ވަގުތު ކުދިންގެ ކެއުމުގެ އާދަކާދައަށް އަންނަ ބަދަލުތަކެވެ. އެމެރިކަން ހާޓް އެސޯސިއޭޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓީވީ ނުވަތަ ފޯނު ބަލަމުން ކާ ކުދިންނަށް ކެވޭ މިންވަރު ނޭނގުމުގެ ސަބަބުން ބޭނުންވާ މިންވަރަށްވުރެ ގިނައިން ކެވޭގޮތް ދިމާވެއެވެ. އަދި މިގޮތަށް ބަލަން ތިބޭއިރު ގިނައިން ކެވެނީ ހަކުރާއި ސަރުބީ ގިނަ، ސިއްހަތަށް ފައިދާނުކުރާ ކާތަކެތި ނުވަތަ "ޖަންކް ފުޑް" އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ލޭގެ ޕްރެޝަރު މަތިވުމާއި، ކޮލެސްޓްރޯލް އިތުރުވުން ފަދަ ހިތުގެ ބަލިތަކަށް މަގުފަހިވާ ނުރައްކާތެރި މައްސަލަތައް ކުޑަކުދިންގެ ކިބައިން ފެންނަން ފަށާ ކަމަށް ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން، ނިދުމުގެ ކުރިން ސްކްރީން ބޭނުންކުރުމަކީ ކުދިންގެ ނިދި މަދުވުމަށް މެދުވެރިވާ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމަކީ ހިތުގެ ވިންދު ބަރާބަރަށް ބެހެއްޓުމަށާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އޮތް ހުރަހެކެވެ. އެމެރިކަން ހާޓް އެސޯސިއޭޝަނުން އިރުޝާދު ދެނީ، އުމުރުން 2 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ދުވާލަކު 2 ގަޑިއިރަށްވުރެ ގިނައިން ސްކްރީން ބޭނުން ނުކުރުމަށެވެ. އަދި އުމުރުން 2 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ވަރަކަށް ސްކްރީން ނުދެއްކުމަށް އެ ޖަމްއިއްޔާއިން ބާރުއަޅައެވެ.

މާ ގިނައިން ސްކްރީން ބެލުމަކީ ކުޑަކުދިންގެ ހިތުގެ ދުޅަހެޔޮކަމަށް އޮތް ބޮޑު ނުރައްކަލެކެވެ. އެހެންކަމުން، ކުދިން ސްކްރީން ބޭނުންކުރާ ވަގުތު ކޮންޓްރޯލްކޮށް، ބޭރުތެރޭގައި ކުޅެ ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު