މޭގައި ރިއްސަނީ-
މޭގައި ރިއްސަނީ-
އިންސާނާގެ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނަކީ ހިތެވެ. މީގެ ކުރިން ސައިންސްވެރިންނާއި ޑޮކްޓަރުން ގަބޫލުކުރަމުން އައީ، ހާޓް އެޓޭކެއްގެ ސަބަބުން ހިތުގެ މަސްތަކަށް ލިބޭ ގެއްލުމަކީ ދާއިމީ ގެއްލުމެއް ކަމަށާއި، އެ މަސްތައް އަލުން އާލާނުވާނެ ކަމަށެވެ. ނަމަވެސް، ދާދިފަހުން އޮސްޓްރޭލިއާގެ ދިރާސާވެރިން ކުރި ތަފްސީލީ ދިރާސާއަކުން ވަނީ މި ވިސްނުން ބަދަލުކޮށްލާފައެވެ.

ބޭރުގެ މަޝްހޫރު ނޫސް އެޖެންސީ "އެންޑީޓީވީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮސްޓްރޭލިއާގެ ސައިންސްވެރިން ވަނީ ހާޓް އެޓޭކަކަށްފަހު ހިތުގެ މަސްތައް އަމިއްލައަށް މަރާމާތުވެ، އަލުން އާލާވުމުގެ ގާބިލުކަން ހިތަށް ލިބިގެންވާކަން ދެނެގެންފައެވެ. "ސާކިއުލޭޝަން ރިސާޗް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމުގައި އިންގިލާބީ ބަދަލެއް ގެނުވާނެ ހޯދުމެކެވެ.

މި ދިރާސާގެ ތަފްސީލަށް ބަލާއިރު، ދިރާސާވެރިން ވަނީ ހާޓް އެޓޭކެއް ޖެހުމުން ހިތުގެ ސެލްތަކަށް އަންނަ ބަދަލުތައް ވަރަށް ގާތުން މޮނިޓަރކޮށްފައެވެ. އެގޮތުން، ހިތުގެ މަސްތައް ހަލާކުވުމުން އެ ސަރަހައްދުގައި ހުންނަ ބައެއް ކަހަލަ ސެލްތަކުން އައު މަސްތައް އުފެއްދުމަށް ބޭނުންވާ ސިގްނަލްތައް ފޮނުވާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ މީގެ ކުރިން އިންސާނާގެ ހިތުގައި ހިނގާ ކަމެއްކަން ސައިންސަށް ހޯދިފައި ނުވާ މުހިންމު ހަގީގަތެއް ކަމަށް ރިޕޯޓުތަކުގަައި ވެއެވެ.

މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި، ޔުނިވާސިޓީ އޮފް ސިޑްނީގެ ކާަޑިއޮލޮޖިސްޓެއް ކަމަށްވާ ރޮބާޓް ހިއުމް ވިދާޅުވީ، ހިތުގެ މަސްތައް އަމިއްލައަށް މަރާމާތުވުމުގެ މި މަސައްކަތް ހަލުވިކުރުމަށްޓަކައި ވަކި ހާއްސަ މޮލިކިއުލްތަކެއް އެހީތެރިވެދޭ ކަމަށް ދިރާސާއިން ހޯދިފައި ވާކަމަށެވެ. މި ހޯދުމުގެ ސަބަބުން، ހާޓް އެޓޭކަށްފަހު ހިތް ފެއިލްވުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން، މި ދިރާސާއަކީ ހިތުގެ ބަލިތަކަށް ދެވޭ ފަރުވާތައް އިތުރަށް ހަރުދަނާކޮށް، ބަލިމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އޭނަަ ވަނީ ފާހަގަކުރައްވާފައެވެ.

މި ދިރާސާއަކީ ބޭސްވެރިކަމުގެ ދާއިރާއިން ލިބުނު ވަރަށް އުންމީދީ ހަބަރެކެވެ. ހިތުގެ މަސްތަކަކީ އަމިއްލައަށް މަރާމާތުވެ، އާލާވާ އެއްޗެއްކަން އެނގުމަކީ ހިތުގެ ބަލިތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެހެންނަމަވެސް މިއީ ހާޓް އެޓޭކެއްގެ ސަބަބުން ހިތަށް ލިބޭ ބޮޑެތި ގެއްލުންތަކުން ދިފާއުވުމަށް އެކަނި ފުދޭވަރުގެ ކަމެއް ނޫން ކަމަށް ރޮބާޓް ވަނީ ވިދާޅުވެފައެވެ.

"އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ހިތުގެ އަމިއްލަ ގުދުރަތީ ގާބިލިއްޔަތު ބޭނުންކޮށްގެން އައު ސެލްތައް އުފެއްދުމަށާއި، ހާޓް އެޓޭކަކަށްފަހު ހިތުގެ ދުޅަހެޔޮކަން އަލުން އިއާދަކުރުމަށް އެހީތެރިވެދޭނެ ފަރުވާތަކެއް ތައާރަފުކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ރޮބާޓް ވިދާޅުވެފައިވެއެވެ.

ހާޓް އެޓޭކަކަށްފަހު 'މައިޓޯސިސް' (ސެލްތައް ކެނޑިގެން އިތުރުވުމުގެ މަރުހަލާ) އިތުރުވާކަން މީގެ ކުރިން މީދަލުގެ ހިތުގެ މަސްތަކުން ފާހަގަކުރެވިފައި ވީނަމަވެސް، މިއީ އިންސާނުންގެ ހަށިގަނޑުން މިކަން މިގޮތަށް ފެނުނު ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު