ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ރިޝްވަތާއި ކޮރަޕްޝަން އިންތިހާއަށް ފެތުރިފައިވާއިރު، ދީނީ އިލްމުވެރިން މިކަންކަމަށް ހަނު ތިއްބަވާތީ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޖަމީލް ވަނީ މިއަދު ރާއްޖެ ވެއްޓިފައިވާ ހިސާބާމެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ރިޝްވަތުގެ ވަބާ ފެތުރިފައިވަނީ ކޮންމެ މުސްލިމަކުވެސް ބިރުގަންނަންޖެހޭ މިންވަރަށް ކަމަށެވެ.

ސަރުކާރުގެ އަމަލުތަކަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، މި ސަރުކާރުން ފާޅުގައި ފައިސާ ބަހަމުންދާ ކަމަށާއި، ވަޒީފާތަކާއި ދައުލަތުގެ ބިންތަކާއި ތަންތަން ބޭނުންހާ ގޮތަކަށް ބަހަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ ބޮޑެތި މުންކަރާތްތައް ހިނގާއިރުވެސް ރާއްޖޭގެ ދީނީ ގިނަ އިލްމުވެރިން ހަނު ތިއްބަވާތީ ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

"މުއިއްޒުވީމަ ކޮންމެ ކަމެއް ހަލާލުވީބާ؟" ޑރ. ޖަމީލް ސުވާލު އުފައްދަވާފައިވެއެވެ.

ހަމައެއާއެކު ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަން ހިންގުމުންވެސް އެއީ ރަނގަޅު ކަމެއް ކަމަށް ދެކޭ "އިލްމުވެރިންނޭ ކިޔާ ބޭފުޅުންނަށް" ނޫސްވެރިކަމުގެ އެއްވެސް ފާޑުކިއުމެއް ހަޖަމް ނުވާނެ ކަމަށެވެ.

އެގޮތުން ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވި ކާޓޫނަކަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، ކާޓޫނަކީ ނޫސްވެރިކަމުގެ ބައެއް ކަމަށާއި، އެ ކާޓޫނުގައި އޮތީ ކޮން މައްސަލައެއްކަން އެނގިނުލައްވާ ކަމަށެވެ.

"ތިޔަ ކާޓޫނުގައި އޮތީ ކޮން މައްސަލައެއްތޯ؟" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވަނީ މި ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި އަމަލުތަކަށް އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު