މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް
މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް
ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ދީނާއި ޑިމޮކްރެސީގެ ނަމުގައި ހިނގަމުންދާ ބައެއް ނޭދެވޭ އާދަތަކަށް މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް ފާޑު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ނަފާ ނަސީމް ވިދާޅުވީ، ރާއްޖޭގައި އޮތީ ވަގުތާއި ޙާލަތަށް ރިއާޔަތްކޮށް ތިމާއަށް އެންމެ ފައިދާހުރި ގޮތަކަށް ބަސް ބުނުމުގެ ސަގާފަތެއް ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިމާ ނުރުހޭ މީހުންނަށް ބަދުދުއާ ކުރުމާއި، އެމީހުންނަށް ކާޓޫނު ކުރަހައިގެން ޖޯކު ޖެހުމަކީ ބައެއް ޙާލަތުގައި ބައެއް ބޭފުޅުންނަށް އާދައިގެ ކަމަކަށްވާ ކަމަށް ނަސީމް ވިދާޅުވިއެވެ. ނަމަވެސް، ހަމަ އެފަދަ ކަމެއް ތިމާ ރުހޭ ނުވަތަ ތާއީދުކުރާ މީހަކަށް އަމާޒުވެއްޖެ ނަމަ، އެކަން ކުށްވެރިކުރުމަށްޓަކައި ދީނީ އާޔަތްތަކާއި ޙަދީޘްތައް ބޭނުންކޮށްގެން ދިފާޢުވާން މަސައްކަތް ކުރާ ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ނަފާ ނަސީމް ވިދާޅުވީ، މަގާމުތަކުގައި ތިބޭއިރު ވެރިންނަށް ސަނާކިޔުމާއި، މަގާމު ލިބުމުން ފާޑުކިޔުމަކީ ގޯސް ކަމެއް ކަމަށް ދެއްކުމަކީ މިހާރު ސަގާފަތަކަށް ވެފައިވާ ކަމަށެވެ. މިއީ ދީނާއި ޑިމޮކްރެސީގެ ނަމުގައި ކުރެވޭ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މީ މޯލްޑިވްސް ދީ؟" މި ސުވާލާއެކު ނަފާ ވަނީ ރާއްޖޭގައި ކަންކަން ހިނގަމުންދާ މިފަދަ ދެފުށަށް ކެނޑޭ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"މިއަދު މަތީމަގާމެއްގައި ބޮޑު މުސާރަލިބޭ މީހުނަށް ސިޔާސީ ކާޓޫނު ހުތުރުވާނެ ހަޑިވާނެ. މާދަމާ އިދިކޮޅަށް ޖަހާ ހަޖުލާ ކާޓޫނު ސަޅި ވާނެ." ނަސީމް ވިދާޅުވިއެވެ.

ނަސީމް މިހެން ވިދާޅުވެފައިވާއިރު، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަޤުޞަދަކަށްޓަކައި ޙިމާޔަތްކޮށްފައިވާ މިނިވަންކަމެއް ކަމަށް މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު