ހަކުރު-
ހަކުރު-
ޒަމާނަށް އަންނަމުންދާ ބަދަލާއެކު އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތަކަށްވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ސަމާލުކަންދޭވާ ކަންތައްތަކަށް ސަމާލުކަން ނުދެވި، ބޭކާރު ކަންކަމަށް ސަމާލުކަންދޭ ކަމީ މިއީ މިއަދު ހަގީގަތެވެ. ދޮޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް އަޅުގަނޑުމެން އެންމެވެސް އެދޭނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް ކެއިންބުއިމުގެ އާދަކާދައަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. މިކަމުގެ ސަބަބުން ކާބޯތަކެތީގައި ހިމެނޭ ހަކުރުގެ މިންވަރު ވަނީ އިންތިހާއަށް އިތުރެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ހަކުރަކީ "ހިމޭން ވިހައެއް" ފަދަ އެއްޗެކެވެ. އެހެންކަމުން، އެންމެ ދެ ހަފްތާގެ މުއްދަތަށް ކެއުމުގައި ހަކުރު ބޭނުންކުރުން ހުއްޓާލުމަކީ ހަށިގަނޑަށް ބޮޑެތި އަދި ފާހަގަކޮށްލެވޭ ފަދަ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެކެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ މަޝްހޫރު ގެސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ޝޯރަބް ސެޓީ، ޓައިމްސް އޮފް އިންޑިއާއަށް ދީފައިވާ މައުލޫމާތުތަކުގެ މައްޗަށެވެ.

ހަކުރު ބޭނުންކުރުން ހުއްޓާލުމުން ފުރަތަމަ ފާހަގަކުރެވޭނެ އެންމެ ބޮޑު ބަދަލަކީ ހަކުރު ނުވަތަ ފޮނި ކާތަކެތީގައި ހުންނަ ކްރޭވިންގްސް ކުޑަވުމެވެ. ޑރ. ޝެޓީ ވިދާޅުވީ ހަކުރު ގިނައިން ބޭނުންކުރާ ވަރަކަށް ހަށިގަނޑުން އިތުރަށް ހަކުރަށް ބޭނުންވާނެ ކަމަށެވެ. ނަމަވެސް، ދެ ހަފްތާ ވަންދެން ހަކުރާ ދުރުވުމުން، ހަށިގަނޑުގެ އިންސިއުލިން މިންވަރު ހަމައަކަށް އެޅި، ފޮނި ތަކެތި ކެއުމަށް ހުންނަ ނަފްސާނީ އަދި ޖިސްމާނީ ބޭނުންތެރިކަން މަޑުމަޑުން ފިލައިގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޑރ. ޝެޓީ ފާހަގަކުރައްވާފައިވަނީ ހަކުރު ބޭނުންކުރުން ހުއްޓާލުމުން ހަށިގަނޑުގެ ހަކަތަ ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ވަރުބަލިކަން ކުޑަވެގެން ދިއުމެވެ. އާންމުކޮށް ހަކުރު ހުންނަ އެއްޗެއް ކެއުމުން ކުޑަ ވަގުތުކޮޅަކަށް ހަކަތަ އިތުރުވި ނަމަވެސް، މާ ގިނަ އިރުތަކެއް ނުވެ "ޝުގަރ ކްރޭޝް" އެއްގެ ސަބަބުން ވަރުބަލިކަން އިހުސާސްކުރަން ޖެހެއެވެ. ހަކުރު ހުއްޓާލުމުން ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، ދުވަހުގެ ގިނަ ވަގުތު ތާޒާކަމާއެކު މީހާ ހަށިގަނޑު ހުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ސިކުނޑީގެ މަސައްކަތްތައް ހަލުވިވެ، ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިތުރު ވާނޭ ކަމަށްވެސް ޑރ. ޝެޓީ ވަނީ ވިދާޅުވެފައެވެ.

ބަރުދަން ލުއިވުމާއި ބަނޑު ހިންދުމަކީ ވެސް މި ބަދަލުގެ ތެރެއިން ފެންނާނެ ނަތީޖާއެކެވެ. ހަކުރު ބޭނުންކުރުން ހުއްޓާލުމުން ހަށިގަނޑުގައި ހިފެހެއްޓިފައި ހުންނަ ފެން މަދުވެ، ބަނޑު ފުއްޕުން ކުޑަވާނެ ކަމަށް ޑރ. ޝެޓީ ވަނީ ވިދާޅުވެފައެވެ. އަދި ހަށިގަނޑުން ހަކަތަ ހޯދުމަށްޓަކައި ރައްކާކުރެވިފައި ހުންނަ ސަރުބީ ވިރެން ފަށާނެ ކަމަށާއި، މީގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑަށް ލުއިކަން އިހުސާސް ކުރެވި، ބަރުދަނަށް ހެޔޮ ބަދަލެއް އަންނަކަމަށް ޑރ. ޝެޓީ ވަނީ ފާހަގަކުރައްވާފައެވެ.

ހަމުގެ ސިއްހަތަށް ބަލާއިރު، ހަކުރު ބޭނުންކުރުން ހުއްޓާލުމަކީ މޫނުގައި އޮށާޅަ ނެގުން މަދުކޮށްދީ، ހަންގަނޑު އޮމާންކޮށްދޭނެވެސް ކަމެކެވެ. ޑރ. ޝެޓީ ފާހަގަކުރެއްވި ގޮތުގައި ހަކުރު ގިނަވުމަކީ ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުކޮށްދޭ ކަމެކެވެ. އެހެންކަމުން، ހަކުރު ބޭނުންކުރުން ހުއްޓާލުމުން ހަންގަނޑުގެ ދިރުން އިތުރުވެ، މުސްކުޅިވުމުގެ އަލާމާތްތައް ފެނުން ލަސްކޮށްދެއެވެ. މީގެ އިތުރުން، ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިކޮށްދީ، ހިތުގެ ބަލިތަކާއި ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަމަށްވެސް ޑރ. ޝެޓީ ވިދާޅުވެއެވެ.

ދެ ހަފްތާގެ މުއްދަތަކަށް ހަކުރާ ދުރުވުމަކީ ހަށިގަނޑަށް ލިބޭ ވަރަށް ބޮޑު "ޑިޓޮކްސް" އެކެވެ. މިއީ ހަމައެކަނި ބަރުދަން ލުއިކުރުމަށް ކުރާ ކަމެއް ނޫނެވެ. މިއީ ދިގު މުއްދަތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު