ސްވިޒަލޭންޑްގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރު ވަނީ ހަނގުރާމައަށްފަހު ގާޒާ އަލުން އާބާދުކުރުމުގެ ބޮޑު "މާސްޓަރ ޕްލޭން" އެއް ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ގާޒާގެ އައްސޭރިފަށުގައި އުސް އިމާރާތްތަކާއި، "ނިއު ގާޒާ" އަދި "ނިއު ރަފާހް" ގެ ނަމުގައި އާ ސިޓީތަކެއް ބިނާކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން 100,000 އަށްވުރެ ގިނަ ހައުސިންގް ޔުނިޓާއި، ސިނާޢީ ސަރަހައްދުތަކާއި، އާ އެއާޕޯޓެއް ހިމެނޭ މި މަޝްރޫޢަކީ ގާޒާގެ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ނެތި އެކުލަވާލާފައިވާ ޕްލޭނެކެވެ.

މި މަޝްރޫޢު ހިންގުމަށްޓަކައި ޓްރަމްޕް ވަނީ "ބޯޑް އޮފް ޕީސް" (ސުލްހައިގެ ބޯޑު) ގެ ނަމުގައި އާ ބޯޑެއް އުފައްދާފައެވެ. މި ބޯޑުގެ ދާއިމީ މެންބަރަކަށް ވުމަށްޓަކައި 1 ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު، މިއީ އދ. އާ ވާދަކުރާނެ ބައިނަލްއަގުވާމީ އިދާރާއަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ބޯޑުގެ އިސް މެންބަރުންގެ ތެރޭގައި ޓްރަމްޕްގެ އިތުރުން، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނެއެވެ.

ކުޝްނަރު ހާމަކުރި ގޮތުގައި މި ޕްލޭންގެ މަގްސަދަކީ 2035 ވަނަ އަހަރާ ހަމައަށް ގާޒާގެ ޖީ.ޑީ.ޕީ 10 ބިލިއަން ޑޮލަރަށް އިތުރުކޮށް، 500,000 އާ ވަޒީފާ އުފެއްދުމެވެ. ނަމަވެސް، މި ޕްލޭންގައި ފަލަސްތީނުގެ މިނިވަން ދައުލަތަކާ ބެހޭ އެއްވެސް ވާހަކައެއް ނެތްކަން ފާހަގަކުރެވެއެވެ. ކުޝްނަރު ބުނި ގޮތުގައި އެންމެ މުހިންމު ކަމަކީ "ސަލާމަތީ ކަންކަން" ކަމަށާއި، ހަމާސްގެ ހަތިޔާރު އަތުލުމަކީ މި މަޝްރޫޢުގެ މުހިންމު ބައެކެވެ.

މި މަޝްރޫޢަށް ފަލަސްތީނުގެ ރައްޔިތުންނާއި ތަޖުރިބާކާރުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ފަލަސްތީނުގެ ލިޔުންތެރިޔާ ސޫޒަން އަބުލްހަވާ ސިފަކުރެއްވި ގޮތުގައި މިއީ ގާޒާގެ އަސްލު ސިފަ ފޮހެލައި، އެތަނަކީ ހަމައެކަނި ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ މަރުކަޒަކަށް ހެދުމުގެ "އިސްތިއުމާރީ" ރޭވުމެކެވެ.

އަދި 71,000 އަށްވުރެ ގިނަ މީހުން މަރުވެ، މުޅި ގާޒާ ސުންނާފަތިވެފައިވާ ދަނޑިވަޅެއްގައި، މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުލެވިފައިވާ ކުނިތަކުގެ މަތީގައި މިފަދަ "ޝިމަރިންގް" އިމާރާތްތަކެއް އެޅުމަކީ އިންސާފެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު