ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދައަށް ވުރެ ދަރަނި އަނބުރާ ދެއްކުމަށާއި އޭގެ އިންޓްރެސްޓަށް ކުރާ ހަރަދު ބޮޑުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މިއީ ގައުމުގެ އިގްތިސާދީ ކުރިމަގާ މެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި މިސްރާބެއް ކަމަށް އިގްތިސާދީ މާހިރުން އަންނަނީ ބުނަމުންނެވެ.

ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ދަރަނި އަނބުރާ ދެއްކުމަށް އެކަނިވެސް ދައުލަތުގެ ބަޖެޓުން 5.2 ބިލިއަން ރުފިޔާ ވަނީ "އަންދާލާފަ" އެވެ. މިއީ ބަޖެޓު ކުރި 3.8 ބިލިއަން ރުފިޔާއަށް ވުރެ ބިލިއަނަކަށް ވުރެ ބޮޑު އަދަދެއްގެ އިތުރުވުމެކެވެ. އަދި 2024 ވަނަ އަހަރު މިކަމަށް ހޭދަކުރި 2.3 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު، މިއީ 122 އިންސައްތައިގެ ބޮޑު އިތުރުވުމެއްކަން ފާހަގަކުރެވެއެވެ.

ދަރަނި ދެއްކުމުގެ އިތުރުން، ލޯނުތަކުގެ އިންޓްރެސްޓަށް ކުރަންޖެހުނު ހޭދަވެސް ވަނީ އިންތިހާއަށް އުފުލިފައެވެ. އެގޮތުން އަހަރު ނިމުނުއިރު އިންޓްރެސްޓްގެ ގޮތުގައި އެކަނިވެސް 4.7 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު އިތުރުވުމެއް ނަމަވެސް، ބަޖެޓު ކުރި 5.5 ބިލިއަނަށް ވުރެ ކުޑަ އަދަދެކެވެ. ޖުމުލަ ގޮތެއްގައި މިދިޔަ އަހަރު ދަރަންޏާއި އިންޓްރެސްޓަށް އެކަނިވެސް ރެކޯޑު އަދަދެއް ކަމަށްވާ 9.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި ނުރައްކާތެރި މާލީ ހާލަތުގެ އެންމެ ބޮޑު އަސަރެއް ފެންނަނީ ރައްޔިތުންގެ ތަރައްގީއާ ގުޅިފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުންނެވެ. މިދިޔަ އަހަރު މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހަރަދުކުރަން ރޭވި ނަމަވެސް، އަހަރު ނިމުނުއިރު ހަރަދު ކުރެވުނީ އެންމެ 8.6 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ކަނޑައެޅި އަދަދުން 3.7 ބިލިއަން ރުފިޔާ އުނިކުރުމެކެވެ. ނަތީޖާއަކީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދައަށް ވުރެ، ދަރަނި ދެއްކުމަށް ކުރި ހޭދަ 1.2 ބިލިއަން ރުފިޔާ އިތުރުވުމެވެ.

ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ ދަރަނި ބޮޑުވެ، ހަރަދު ކުޑަކުރުމަށް ތަކުރާރުކޮށް ލަފާދެމުންދާއިރު، ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާކަން މި ހިސާބުތަކުން ސާފުވެއެވެ.

މި އަހަރުގެ ދަރަނި ދެއްކުމުގެ ތާވަލަށް ބަލާއިރު މި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭއިރު، މިއީ ގައުމުގެ އިގްތިސާދީ ސިޔާދަތަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ފެންނަން އޮތް މަންޒަރަށް ބަލާއިރު ގައުމުގެ މާލީ ހާލަތު ފެންނަނީ ވަރަށް ބަނަކޮށެވެ.



ކިޔުންތެރިންގެ ހިޔާލު