އައްޑޫގައި ހިންގި ޑްރަގްސް ބޮޑު އޮޕަރޭޝަންގައި މިހާތަނަށް ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގްސް ފެނިފައިވާ ކަމަށާއި، މުޅި އޮޕަރޭޝަން ހިންގީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އިއްޔެ އަތުލައިގަތް މަސްތުވާތަކެއްޗަކީ، ޕާކިސްތާނުގެ ޑްރަގް އިންޓެލިޖެންސުން ދިން މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތިކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ސީޕީ ޙަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އައްޑޫ އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގްސް ވަނީ އަތުލައިގަނެވިފައި. މިއީ ސީދާ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ދިވެހި ފުލުހުންގެ ހިންގި އޮޕަރޭޝަނެއް. ތަހުގީގު ކުރިއަށްދާ ވަރަކުން އެހެން ގައުމުތަކާ ވެސް ހިއްސާކުރާނަން. މަގްސަދަކީ ޑްރަގްސް އެތެރެކުރުމަށް ހުރަސް އެޅުން،" ކަމަށެވެ.



މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރު ކުރި ޑްރަގް ޑީލަރާއެކު ގައުމީ ފުޓްބޯޅަ ޓިމަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކަމަށް ހައްޔަރު ކޮށްފައިވަނީ ފުލުހުން އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ އިބްރާހީމް ރަޝީދު (އަބުޗާ) ކަމަށް އެނގިފައި ވެއެވެ. އޭނާއަކީ ބޮޑެތި ތުހުމަތު ތަކުގައި ހައްޔަރު ކުރި ނަމަވެސް ވަރަށް ފަސޭހައިން "އަނެއް ދޮރުން" ނުކުމެ މިނިވަން ކަމާއެކު އުޅެމުންދާ މީހެކެވެ. ފުލުހުންގެ ރެކޯޑްތައް ދައްކާ ގޮތުން އޭނާގެ ކުށުގެ ރެކޯޑްގައި މަސްތުވާތަކެތީގެ އެތައް މައްސަލަ ތަކަކާއި މާރާމާރީއާއި ބަދުއަޚްލާގީ މައްސަލަތަކާއި އަމުރަށް ނުކިޔަމަންތެރިވުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.

މި އޮޕަރޭޝަންގެ ވީޑިއޯއެއް މިހާރު ސޯޝަލްމީޑިއާގައި ވައިރަލްވެފައި ވާއިރު، މަސްތުވާތަކެތި އުފުލި ޑިންޑީ ހުއްޓުވަން އުޅުމުން އޭގައި ތިބި މީހުން ވަނީ މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން