އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2017 ވަނަ އަހަރު އިސްރާއީލަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގައި، އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފާކޮށްދެއްވުމަށްޓަކައި "ނެއްޓެވި" (ނުވަތަ ލަވަކިޔައި ނެށި) ކަމަށް ބުނާ މައުލޫމާތެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ.

މި އިބާރާތް ފެންމަތިވެފައިވަނީ، ކުށްވެރިއެއްގެ ގޮތުގައި މަރުވެފައިވާ ޖެފްރީ އެޕްސްޓީންއާގުޅުންހުރި ތިން މިލިއަނަށްވުރެ ގިނަ ލިޔެކިޔުންތަކުގެ ތެރެއިން، ދާދި ފަހުން އާންމުކުރި އީމެއިލްތަކަކުންނެވެ. އެޕްސްޓީން ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ، މޯދީ އިސްރާއީލަށް ކުރެއްވި ދަތުރުފުޅަކީ ޓްރަމްޕްގެ ލަފާގެ މަތިން ކުރެއްވި ކަމެއް ކަމަށާއި، އެ ދަތުރުފުޅުގައި ޓްރަމްޕް އުފާކޮށްދެއްވުމަށް މޯދީ ނަށައި ލަވަކިޔާފައިވާ ކަމަށެވެ.

ނަމަވެސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ މި ވާހަކަތައް ވަރަށް ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. އިންޑިއާ ސަރުކާރުން ބުނެފައިވަނީ މިއީ އެއްވެސް އަސާސެއް ނެތް، "ކުށްވެރިއެއްގެ ހިޔާލީ ވާހަކަތަކެއް" ކަމަށާއި، މިފަދަ ދަށު ދަރަޖައިގެ ވާހަކަތަކެއް ބަލައިނުގަނެވޭނެ ކަމަށެވެ. މޯދީގެ އެ ދަތުރުފުޅަކީ އިންޑިއާ އާއި އިސްރާއީލާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ކުރި ރަސްމީ ދަތުރުފުޅެއް ކަމަށާއި، އެޕްސްޓީން ފަދަ މީހަކު ދައްކާފައިވާ މިފަދަ ވާހަކަތަކަށް އެއްވެސް އިތުބާރެއް ނެތް ކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ފާހަގަކޮށްފައެވެ.

މި ކަމާއިގުޅިގެން ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ. ބައެއް ފަރާތްތަކުން މި މައުލޫމާތުގެ ހަގީގަތް ހޯދުމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންދާއިރު، އިންޑިއާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ދަނީ މިކަމާ ގުޅޭގޮތުން ސަރުކާރުން އިތުރު ތަފްސީލު ދިނުމަށް އެދެމުންނެވެ. އެހެންނަމަވެސް، ގިނަ އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި މިއީ އެޕްސްޓީން އޭނާގެ ނުފޫޒު ދެއްކުމަށްޓަކައި އަމިއްލައަށް ހަދައިގެން ދައްކާފައިވާ ވާހަކަތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު