އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު
މިސަރުކާރުގެ ކޮންމެ ފިޔަވަޅަކުން ފެންނަނީ ނާގާބިލުކަމާއި، އިންތިހާއަށް ގޮތްދޫނުކުރުމުގެ ސިފަތައް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން އަޙްމަދު އިނާޒް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ޝާހިދުގެ މެސެޖުގައި ވަނީ، ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާ މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، މިއަދު އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ފާހަގަ ކުރަށްވާފައެވެ.

އަދި ޕެންޝަން ބޯޑުގެ ޗެއާޕާސަން އިނާޒް އިސްތިއުފާ ދެއްވަމުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައި، މާލީ ގޮތުން ދެމެހެއްޓެނިވި އިސްތިރާތީޖީއެއް އެކުލަވާލާފައި ނެތުމާއި، ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާ ސަރުކާރުގެ ބޮންޑުގައި އިންވެސްޓްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރަށްވާފައި ވާކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިސަރުކާރުގެ ކޮންމެ ފިޔަވަޅަކުން ފެންނަނީ ނާގާބިލުކަމާއި، އިންތިހާއަށް ގޮތްދޫނުކުރުމުގެ ސިފަތައް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

"މި ސަރުކާރުގެ ތަޖުރިބާ މަދުކަމާއި، ނާގާބިލުކަމުގެ އިތުރުން، ފަންނީ މާހިރުންގެ ލަފަޔާއި އިރުޝާދުތައް ބަލައިގަނެ އެ ކަންކަމަށް އަމަލުކުރުމަށް އުޒުރުވެރިވާ މިންވަރު ކޮންމެ ފިޔަވަޅަކުން ވެސް މިދަނީ ހާމަވަމުންނެވެ." ޝާހިދުު ވިދާޅުވިއެވެ.



ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވަމުން އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ.

އަދި އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާރޕާސަން ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށްވެސް އިނާޒް ވިދާޅުވެފައިވެއެވެ.

ފައިސާ ޗާޕްކުރާތީ އިނާޒް މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު ޕެންޝަން އޮފީހުގެ ބޯޑުން ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ އެވެ. އެއީ، ޕެންޝަން އޮފީހާއި ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށެވެ. އެއީ ފައިސާ ޗާޕުކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ސަރުކާރުން މީގެކުރިން ވަނީ އެކަން ދޮގު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު