ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ދިވެހިރާއްޖެ މިހާރު ކުރިމަތިލާން ޖެހިފައިވާ ދަރަނީގެ މައްސަލައާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ގޮވާލެއްވުމާ ގުޅިގެން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރަށްވާފައިވާ އުމަރު ނަސީރު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ބޮޑު ދަރަނި އުފެއްދީވެސް ސިޔާސީ ޕާޓީތަކުން ކަމަށެވެ. އަދި އެ ދަރަނީގެ ބޭނުންކޮށްގެން ބޮޑެތި އިސްރާފުތައް ކުރީވެސް ހަމަ އެ ޕާޓީތަކުން ކަމަށް އުމަރު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ދަރަނީގެ ގޮތުގައި ނަގާފައިވާ ފައިސާ ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ ވެސް ސިޔާސީ ޕާޓީތަކުން ކަމަށް އުމަރު ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން މަޝްވަރާކޮށް، ހައްލެއް ހޯދުމަށް ގޮވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ ޤައުމު މިއޮތީ މާލީ ކާރިސާއެއްގެ ތުންފަތް މަތީގައި ކަމަށާއި، މިއީ ސިޔާސީ ފިކުރަށްވުރެ ގައުމީ މަޞްލަޙަތު އިސްކުރަންވީ ވަގުތު ކަމަށެވެ.

މާރިޔާ އެގޮތަށް ވިދާޅުވީ ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ސަރުކާރުން 17 އިންސައްތަ އިންޓްރެސްޓްގައި ލޯނު ނަގަމުންދާ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާއި، ރައީސް މުޢިއްޒަށް އިތުރަށް ފައިސާ ޗާޕުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ޕެންޝަން އޮތޯރިޓީން 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ދޫކުރުމަކީ އިޤްތިޞާދަށް ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވެ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަން އަޙްމަދު އިނާޒު މިއަދު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެެވެ.



ކިޔުންތެރިންގެ ހިޔާލު