ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު
ރާއްޖޭގެ ސިޔާސީ ނިޒާމު ތަރުތީބުވެފައި އޮތް ގޮތުން، ކޮންމެ ފަސް އަހަރެއްގެ ދައުރެއްގެ ތެރޭގައި ތިން އިންތިޚާބު ބާއްވަން ޖެހުމަކީ މުޅި ދައުލަތް އިންތިޚާބީ ހުމެއްގެ ތެރެއަށް ވައްޓާލާ ކަމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް އެކުއެކީގައި ބޭއްވުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް އިޝާރާތް ކުރަށްވަމުންނެވެ. އެގޮތުން އާދަމް ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ޖެހުމުން، ޤައުމުގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤައުމީ އުފެއްދުންތެރިކަމަށް މަސައްކަތް ކުރުމަށް ލިބޭ ވަގުތުގެ ބޮޑު ބައެއް ކެމްޕޭންތަކަށް ހޭދަކުރަން ޖެހުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންމެ އިންތިޚާބަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ހިނގުމަކީ އިޤްތިޞާދީ ގޮތުން ދައުލަތަށް އުފުލަންޖެހޭ ބޮޑު ބުރައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މުޅި ޤައުމު އަބަދު އިންތިޚާބީ ފޯރިއެއްގައި އޮތުމުން، ތަރައްޤީގެ މަސައްކަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވޭ. އަދި ދައުލަތުން ކުރަންޖެހޭ ޚަރަދުތައް އިންތިހާއަށް އިތުރުވެގެންދޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަކީ މުޅި ޤައުމުގެ މަޞްލަޙަތު ހިމެނޭ، ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި ބަދަލާއެކު އިންތިޚާބުތަކަށް ކުރާ ޚަރަދު ކުޑަވެ، ސިޔާސީ ހަމަޖެހުމާއި ތަރައްޤީގެ މަސައްކަތްތަކަށް ހުސްވާނެ ވަގުތު އިތުރުވާނެ ކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މިހާރު ދަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށްޓަކައި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. ހަމައެއާއެކު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް އާންމުންގެ ޚިޔާލު ހޯދާ ވޯޓު، އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާ އެއްކޮށްލައިގެން ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ރޭ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު