މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން
ޖިންސީ ގޯނާގެ ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ އެމެރިކާގެ ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ފޮޓޯއަކީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން އޮޅުވާލާފައިވާ ފޮޓޯއެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދައުރުވަމުންދާ ފޮޓޯއާ ގުޅިގެން މިނިސްޓަރު އިޙްސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ދައުރުވަމުންދާ ފޮޓޯއަކީ 25 ޖެނުއަރީ 2013 ގައި އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ފުރަތަމަ ޝާއިއުކޮށްފައިވާ އަސްލު ފޮޓޯއެއް އޮޅުވާލައިގެން ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ. އެ ފޮޓޯއަކީ އެމެރިކާގެ ކުއަންޓިކޯގައި ހުންނަ ޔުނައިޓެޑް ސްޓޭޓްސް މެރިން ކޯޕްސް ބޭސްގައި 'ބޭސިކް އޮފިސަރ ކޯސް' ފުރިހަމަކުރެއްވި ދުވަސްވަރުގެ ފޮޓޯއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަސްލު ފޮޓޯއާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ފޮޓޯއިން އެމަނިކުފާނާއެކު ފެންނަނީ އޭރު އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރާއި ފަސްޓް ސެކްރެޓަރީ ކަމަށެވެ. ނަމަވެސް ޒަމާނީ އޭއައި ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އެ ފޮޓޯގައި ތިއްބެވި ބޭފުޅުންގެ ބަދަލުގައި އެޕްސްޓީންގެ މޫނު ހިމަނައިގެން ހަގީގަތާ ޚިލާފު މައުލޫމާތު ފަތުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވަމުން މިނިސްޓަރު އިޙްސާން ވިދާޅުވީ، ގަސްތުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހަގީގަތް ފޮރުވައި، ޑިޖިޓަލް މައިދާނުގައި އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން ގެއްލުވައިލާ ކަމެއް ކަމަށެވެ.

މިނިސްޓަރު އިޙްސާން ވަނީ މިފަދަ ދޮގު ޚަބަރުތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު