މާލީ ވުޒާރާއިން ދޫކުރާ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން ނިންމާފައިވާ ނިންމުމާ ގުޅިގެން، މާލީ ދާއިރާގެ ތަޖުރިބާކާރު އަދި މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެން އެފުން ވާދަކުރައްވާ އިސްމާއިލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ހުއްދައާއެކު، ޕެންޝަން ފަންޑުގައި މިހާރު ހުރި ފައިސާ ބޭނުންކޮށްގެން ދައުލަތުގެ ސެކިއުރިޓީޒް ގަތުމަކީ 2023 ވަނަ އަހަރުގެ 'ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް' ގައި ބަޔާންކޮށްފައިވާ ރައްކާތެރިކަމާއި، ފައިސާގެ ދައުރުވުން (ލިކުއިޑިޓީ) ހިފެހެއްޓުމުގެ މިންގަނޑުތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ނަމަވެސް، މި މުއާމަލާތުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން މާލީ ބާޒާރަށް އަލަށް ފައިސާ ނެރެގެން ނުވަތަ ދައުލަތުގެ ބަޖެޓު ފޫބެއްދުމަށް ސީދާ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދީފި ނަމަ، އެކަން ބެލެވޭނީ 'ދަރަނި މަނިޓައިޒް' ކުރުން ނުވަތަ 'ޑެބްޓް މަނިޓައިޒޭޝަން' ގެ ގޮތުގައި ކަމަށް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ފިޔަވަޅެއްގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އިންފްލޭޝަންގެ ނުރައްކާ އިންތިހާއަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ރާއްޖޭގެ މަނިޓަރީ ސިޔާސަތުތައް އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާއި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަރިޔަންދު މިހެން ވިދާޅުވި ނަމަވެސް ޕެންޝަން އޮފީހުން މިއަދު ބުނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް އިން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮޕޯޒަލަކީ ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ޕްރޮޕޯޒަލްއެއް ކަމަށެވެ. އަދި އެ މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ ކަމެއް ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލައަކީ ދައުލަތުގެ މާލީ ހާލަތާއި ރައްޔިތުންގެ ޕެންޝަން ފައިސާގެ ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ކަމަކަށް ވާއިރު، އިގްތިސާދީ މާހިރުން އަންނަނީ މިކަމުގެ ސަބަބުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ މެދު ސުވާލު އުފައްދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު