ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުން އުނިވި ބައި އަނބުރާ ހޯދުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެންމެ ވިދާޅުވެއްޖެއެވެެ.

ރައީސް މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހަށް އިއްވެވި އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ނިންމި ނިންމުމަކީ ކުރީގެ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށެވެ. މި ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ދިރާސާކުރުމަށް ބަންޑާރަ ނައިބަށް އަންގަވާފައިވާނެ ކަމަށާއި، އެކަމަށް އެކުލަވައިލި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހުގެ 22 ވަނަ ދުވަހު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދެވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ކަންކަން ބެލެހެއްޓުމަށް ޚާއްޞަ އޮފީހެއް ގާއިމުކުރައްވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން." ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ގައުމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެކަންކަމާ ގުޅޭގޮތުން ސުވާލުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި 'ކޮމިޝަން އޮފް އިންކުޔަރީ' އެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސް އިޢުލާން ކުރެއްވިއެވެ.

ފޯޅަވަހީގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޗާގޯސް އަކީ ތާރީޚީ ގޮތުން ރާއްޖެއާ ގުޅުންހުރި، އަދި ދިވެހި މަސްވެރިން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އަންނަ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، 18 ޖަނަވަރީ 2026 ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށައަޅާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ދިވެހީންގެ މަސްލަހަތު ހިމާޔަތް ކުރުމަށާއި، އަވަށްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. ރާއްޖެއަކީ މަދު ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ބަސްކިޔާ، ފަޚުރުވެރި ގައުމަކަށް މިހާރު ހަދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް