މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ލޮޖިސްޓިކްސް އަދި ފްރެއިޓް ފޯވާޑިންގްގެ ދާއިރާއަށް ފުޅާދާއިރާއެއްގައި ވަނުމަށް ނިންމާފައިވާ ނިންމުމާ މެދު، ވިޔަފާރިވެރިންނާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ.

ދާދި ފަހުން "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ނަމުގައި އާ ހިދުމަތެއް ތައާރަފްކޮށް، މުޅި ސަޕްލައި ޗެއިން އެމްޕީއެލްގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތަކީ، އަމިއްލަ ވިޔަފާރިތަކަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމްޕީއެލްގެ އަސާސީ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ބަނދަރުގެ އިންފްރާސްޓްރަކްޗާ ބެލެހެއްޓުމާއި، ހަރުދަނާ އަދި ނިއުޓްރަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. ނަމަވެސް، ބަނދަރު ހިންގާ ފަރާތުން އަމިއްލަ ވިޔަފާރިވެރިންނާ ވާދައަށް ނުކުމެ، ލޮޖިސްޓިކްސް އާއި ވެއާހައުސިންގް ފަދަ ހިދުމަތްތައް ދޭން ފެށުމުން "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" ނުވަތަ މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. ބޯޓުފަހަރު ކިއޫގައި ޖެއްސުމާއި، ބަނދަރުގެ ޖާގަ ކަނޑައެޅުމުގެ ފުރިހަމަ ބާރު އެމްޕީއެލްއަށް އޮތުމުން، އެ ކުންފުނީގެ އަމިއްލަ އޮޕަރޭޝަންތަކަށް ނުވަތަ ކްލައިންޓުންނަށް ނުސީދާ ގޮތެއްގައި އިސްކަންދިނުމުގެ ފުރުސަތު އޮންނާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

މީގެ އިތުރުން، އެމްޕީއެލް އިން މިހާރު ފަށާފައިވާ މި މިސްރާބުގެ ސަބަބުން، އެ ކުންފުންޏަކީ ހަމައެކަނި ބަނދަރު ހިންގާ ފަރާތުގެ އިތުރުން، ޝިޕިންގް އެޖެންޓެއް، ފްރެއިޓް ފޯވާޑަރެއް، އަދި 3PL ހިދުމަތްދޭ ފަރާތަކަށް ވެގެންދާނެއެވެ. މީގެ ސަބަބުން މުޅި ރާއްޖޭގެ އިގްތިސާދީ މައިނާރު ކަމަށްވާ ސަޕްލައި ޗެއިން އެއްކޮށް މޮނޮޕޮލީއަކަށް ބަދަލުވެ، އަމިއްލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މާކެޓުން ބޭރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ.

މިވަގުތު ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމްޕީއެލް ލޮޖިސްޓިކްސް ދާއިރާގައި ނެތުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބަނދަރުގެ ތޮއްޖެހުމާއި، ޒަމާނީ ވަސީލަތްތައް މަދުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް އެމްޕީއެލްގެ ސަމާލުކަން އިތުރުކުރަން ޖެހޭ ކަމަށް ވެސް ވިޔަފާރިވެރިން ބުނަމުންދެއެވެ.



ކިޔުންތެރިންގެ ހިޔާލު