އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، އޭނާގެ ސިކުނޑި ކުޑަވަމުންދާ ކަމަށާއި ދުނިޔޭގައި ހުންނާނީ ބާކީ ހަތަރު މަސް ދުވަސް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރަކު ބުނެފިއެވެ.

ފިޒިކަލް ތެރަޕިސްޓެއް ކަމަށްވާ އެޑަމް ޖޭމްސް، ސިޔާސީ މުހައްލިލު ޑޭވިޑް ޕެކްމަންއާ ވާހަކަދައްކަމުން ފާހަގަކުރި ގޮތުގައި، ޓްރަމްޕްގެ ފަރާތުން ފެންނަމުންދާ ބައެއް އާދަޔާ ހިލާފު ކަންކަމަކީ އޭނާގެ ސިއްހީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް ކަމުގެ ހެކިތަކެކެވެ.

އެޑަމް ޖޭމްސް ބުނި ގޮތުގައި ޓްރަމްޕްގެ ސިކުނޑީގެ "ފްރަންޓަލް ލޯބް" ދަނީ ކުޑަވަމުންނެވެ. މިކަމުގެ ސަބަބުން އަމިއްލަ ވިސްނުންތައް ތަރުތީބުކުރުމާއި، ބުނަންވާ އަދި ނުބުނަންވާ ވާހަކަތައް ވަކިކުރަން އޭނާއަށް އުނދަގޫވާ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ މިސާލެއްގެ ގޮތުން ދާދި ފަހުން ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ގްރީންލޭންޑާއި އައިސްލޭންޑް އޮޅުވާލުމާއި، ސިއްރު އަސްކަރީ މައުލޫމާތުތަކެއް ހާމަކުރެއްވުން އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، ޓްރަމްޕްގެ އަތުން ފެންނަ އާދަޔާ ހިލާފު ނޫފައިގަތް ނިޝާންތަކަށްވެސް އެޑަމް އަލިއަޅުވާލިއެވެ. އޭނާ ތުހުމަތުކުރާ ގޮތުގައި އެއީ އައިވީ މެދުވެރިކޮށް ބޭސް ފޮނުވުމުގެ ސަބަބުން ހުންނަ ނިޝާންތަކެކެވެ. ޓްރަމްޕްގެ ޓީމުން އެއީ ގިނައިން މީހުންނާ ސަލާމްކުރުމުން ވާގޮތް ކަމަށް ބުނި ނަމަވެސް، އެއީ ހަށިގަނޑުން އިތުރު ފެން ދޫކުރުމަށް ދޭ ބޭހެއްގެ ސަބަބުން ލާފައިވާ ނިޝާންތަކެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

އެޑަމް ޖޭމްސްގެ މި ތަހުލީލުތައް ބިނާކޮށްފައިވަނީ "ފްރަންޓޯޓެމްޕޯރަލް ޑިމެންޝިއާ" ކިޔާ ބައްޔެއްގެ އަލާމާތްތަކުގެ މައްޗަށެވެ. އޭނާ ބުނާ ގޮތުގައި މި ބަލީގެ އަލާމާތްތައް 2016 ވަނަ އަހަރުން ފެށިގެން ޓްރަމްޕްގެ ކިބައިން ފެންނަމުންދެއެވެ. އަދި ބަލި ހުރި މިންވަރާއި، އާންމުކޮށް މި ބަލީގައި މީހުން ދުނިޔޭގައި ތިބޭ މުއްދަތަށް ބަލާއިރު، ޓްރަމްޕްގެ ފުރާނައަށް އޮތީ ބާކީ ހަތަރު މަސް ދުވަސް ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު