އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހުން (ފޮޓޯ: ޕޮލިސް)
އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހުން (ފޮޓޯ: ޕޮލިސް)
އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށް، އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަން ފަށައިފި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) ކަމަށެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާން ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާގުޅިގެން ކަމަށާއި، އެގޮތުން އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވުނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް އެނގުނު ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އެހެންކަމުން އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައިވާ ކަމަށާއި، މިތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން