ތައިލެންޑުގައި ބޭއްވި އާންމު އިންތިހާބު މިހާރުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލްގެ ބޫމްޖައިތައި ޕާޓީން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބޭއްވި މި އިންތިހާބުގެ ވޯޓުލީ މަރުކަޒުތަކުގެ 95 އިންސައްތަ ނަތީޖާ ދައްކާގޮތުން، ގާނޫނު ހަދާ މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން 192 ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ އިދިކޮޅު ޕީޕަލްސް ޕާޓީއަށް ލިބުނު 117 ގޮނޑިއާއި، ފިއު ތައި ޕާޓީއަށް ލިބުނު 74 ގޮނޑިއަށްވުރެ ބޮޑު ކުރިއެރުމެކެވެ.

މި ކާމިޔާބީއާ ގުޅިގެން ބޮޑުވަޒީރު އަނޫޓިން ވިދާޅުވީ، މިއީ ތައިލެންޑުގެ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި މި ނަތީޖާއާއެކު ތައިލެންޑުގައި އޮތް ސިޔާސީ ހަލަބޮލިކަމަށް ނިމުމެއް އައިސް، ހަމަޖެހޭ ސަރުކާރެއް ގާއިމުވުމުގެ އުންމީދު ވަނީ ބޮޑުވެފައެވެ. ބޮޑުވަޒީރު އަނޫޓިން މަޖިލިސް އުވާލައްވާ އިންތިހާބަކަށް ވަޑައިގެންނެވީ ވެރިކަމާ ހަވާލުވެވަޑައިގަތްތާ 100 ދުވަސްވެސް ނުވަނީހެވެ.

މި އިންތިހާބާ އެކު ކުރިއަށްދިޔަ، 2017 ވަނަ އަހަރުގެ ގާނޫނުއަސާސީ ބަދަލުކުރުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް ގިނަ ރައްޔިތުން ވަނީ ގާނޫނުއަސާސީ ބަދަލުކުރުމަށް ތާއީދުކޮށްފައެވެ.

މިއީ 1932 ވަނަ އަހަރުން ފެށިގެން ތައިލެންޑުގެ ގާނޫނުއަސާސީއަށް ބަދަލު ގެންނަ 21 ވަނަ ފަހަރެވެ. އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޕީޕަލްސް ޕާޓީން ވަނީ ނަތީޖާ ގަބޫލުކޮށް، ކުރިއަށް އޮތް ސަރުކާރުގައި ބައިވެރިނުވެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެކަން އިއުލާނުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު