އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދަރިފުޅު ޔައީރު ނަތަންޔާހޫ، އޭނާގެ ބައްޕައަށް ޖިސްމާނީ ގޮތުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި އެމެރިކާގެ މިއާމީއަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ޚަބަރު ފެންމަތިވެފައިވަނީ ބޮޑުވަޒީރުގެ ސެކިއުރިޓީގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ އަމީ ޑްރޯ، އިސްރާއީލުގެ ނޫހެއް ކަމަށްވާ 'މާރީވް' އަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. އޭނާ ހާމަކުރި ގޮތުގައި، ޔައީރު އޭނާގެ ބައްޕައަށް ހަމަލާދިނުމުން އެކަން ހުއްޓުވަން މަސައްކަތް ކުރި ސެކިއުރިޓީ ގާޑުންނަށްވެސް ޔައީރު ވަނީ ހަމަލާދީފައެވެ.

މި ހާދިސާއާ ގުޅިގެން ޔައީރު 2023 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުންދަނީ މިއާމީގެ މުއްސަނދި ސަރަހައްދެއްގައެވެ. އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ޒުވާނުންނެއް ހަނގުރާމައަށް ފޮނުވަމުންދާއިރު، ބޮޑުވަޒީރުގެ ދަރިފުޅު ގައުމުން ބޭރުގައި ހުރުމުން އިސްރާއީލުގެ ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ނަމަވެސް ޔައީރުގެ ގާނޫނީ ވަކީލުން ބުނަމުންދަނީ އޭނާ ބޭރުގައި ހުންނަނީ އޭނާއަށް ކުރިމަތިވަމުންދާ ފުރައްސާރަތަކުގެ ސަބަބުން އާންމު ދިރިއުޅުމެއް އުޅެން އުނދަގޫވުމުން ކަމަށެވެ.

މީގެ އިތުރުން، އަމީ ޑްރޯ ވަނީ ނަތަންޔާހޫގެ އާއިލާއާ ބެހޭ ގިނަ ސިއްރުތަކެއްވެސް ހާމަކޮށްފައެވެ. އެގޮތުން ނަތަންޔާހޫއަކީ އަޚްލާގީ ގޮތުން ދަށު ދަރަޖައިގެ މީހެއް ކަމަށާއި، އޭނާގެ އަނބިކަނބަލުން ސާރާ ނަތަންޔާހޫއަކީ ތަންތަނުން ވައްކަން ކުރުމުގެ އާދަ ހުންނަ (ކްލެޕްޓޯމެނިއަކް) މީހެއް ކަމަށްވެސް އޭނާ ތުހުމަތުކުރިއެވެ. އަދި ނަތަންޔާހޫގެ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގެ ސަބަބުން އޭނާ ޖަލަށްލާންޖެހޭ ކަމަށްވެސް ކުރީގެ ސެކިއުރިޓީ އޮފިޝަލް ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ޔައީރު އޭނާގެ ބައްޕައަށް ހަމަލާދިން ވާހަކަ ދައްކަވާފައެވެ. އަދި ޔައީރުގެ ސެކިއުރިޓީއަށް އަހަރަކު 700،000 ޑޮލަރު ދައުލަތުން ޚަރަދުކުރާތީ އެކަމާ މެދުވެސް ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން މި ހުރިހާ ވާހަކަތަކެއް ވަނީ ދޮގުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު