ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޙަސަން ލަޠީފް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވީ، ދެ އިންތިޚާބު އެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޚަރަދު ކުޑަކުރުން ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ދައްކަވާ ވާހަކަފުޅަކީ އެއްވެސް ވަރަކަށް ދެކޮޅުޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ އެންމެ 30 ވަޒީފާ އުނިކޮށްލައިގެން ވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިން ބޭއްވުމަށް ބޭނުންވާ ފައިސާ ސަލާމަތް ކުރެވޭނެއެވެ.

ހަމައެއާއެކު ޙަސަން ލަޠީފް ވަނީ، ރައީސް މުޢިއްޒު ދެ އިންތިޚާބު އެއްކޮށްލަން އުޅުއްވަނީ ރައްޔިތުންގެ ބާރުވެރިކަން ފޭރިގަތުމަށް ކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި މިއީ ރައްޔިތުން ބަސްބުނަން ލިބޭ ފުރުސަތުތައް ހަނިކުރުމަށް ކުރާ ކަމެއް ކަމަށާއި، މިކަމަކީ ޚަރަދާ ގުޅުންހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ރެފެރަންޑަމްގައި ރައީސް މުޢިއްޒުގެ ހުށަހެޅުމަށް "ނޫނެކޭ" ބުނުމަށް ޙަސަން ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ އަތުގައި ބާއްވަންޖެހޭ ކަމަށެވެ.

ޙަސަން މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ އިންތިޚާބުތައް އެއްކޮށްލުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މިއީ ޑިމޮކްރެޓިކް ނިޒާމު ހަނިކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް